ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެ ތަކެތި ބޭނުންކުރާވަރު މަދުވުމުގެ ސަބަބުން ތައިލޭންޑުގެ އިޤްޠިޞާދު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށްވެދާނެކަމަށް ރޮއިޓަރސްގެ ޕޯލަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދު ކަމަށްވާ ތައިލޭންޑުގެ އިޤްޠިޞާދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 3.3 އިންސައްތައަށް ދަށްވެފައެވެ. އަދި ފަހު ކުއާޓަރުގައި 4.2 އިންސައްތައަށް ދަށްވެފައިވާކަމަށްވެސް ޕޯލުން ވަނީ ދައްކާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ތައިލޭންޑުގެ ޖީޑީޕީ 1.3 އިންސައްތައިގައި ހުރި ނަމަވެސް މާރިޗް ކުއާޓަރުގައި 0.8 އިންސައްތައިގެ ދަށްވުމެއް ޖީޑީޕީއަށް އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޯވިޑްގެ ބަލިމަޑުކަން އޭޕްރީލްމަހު އަނެއްކާވެސް ފެތުރެން ފަށާފާވާއިރު ތައިލޭންޑުގެ ތިންބައިކުޅަ ދެބައި މީހުންނަށް ވަނީ ވައިރަސްގެ އަސަރުކޮށްފައެވެ. މީގެ ސަބަބުން ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވަމުންދިޔަ ތައިލޭންޑުގެ ފަތުރުވެރިކަމާއި ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ލަސްކުރަންޖެހިފައެވެ. ނަމަވެސް އިޤްޠިޞާދީ މާހިރުން ލަފާކުރާގޮތުގައި މުޅި އަހަރުގެ އިޤްޠިޞާދަށް ބަލާއިރު 2.1 އިންސައްތައިގެ ކުރިއެރުމެއް އަންނާނެއެވެ. މިދިޔަ އަހަރު ވަނީ 6.1 އިންސައްތައިގެ ދަށްވުމެއް މުޅި އަހަރަށް ލިބިފައެވެ. ބަލިމަޑުކަމާއި ވެކްސިން ދެވޭލެއް މަދުކަމުން މާހިރުން ވަނީ އެމީހުންގެ ލަފާކުރުން ވަރަށްބޮޑަށް ދަށްކޮށްފައެވެ.
އޭޝިއާ ޕްލަސް ސެކިއުރިޓީގެ މާހިރު ވިދާޅުވާ ގޮތުގައި ފުރަތަމަ ކުއާޓަރަށްވުރެ ދެވަނަ ކުއާޓަރުގެ ދަށްވުން ބޮޑުވާނެއެވެ.
ބަލިމަޑުކަމުން އަރައިގަތުމަށް އެހީއެއްގެ ގޮތުން ތައިލޭންޑުގެ ކެބިނެޓުން ވަނީ މި މަހުގެ ކުރީކޮޅުގައި 8.13 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް އާންމުނަށް ދިނުމަށް ފާސްކޮށްފައެވެ.
އެކްސްޕޯޓް އިތުރުކޮށް ފިސިކަލް ތްރަސްޓްގެ ސަބަބުން ކޮންމެވެސް ވަރެއްގެ އާރޯކަމެއް އިޤްޠިޞާދެއް އައިނަމަވެސް އިޤްޠިޞާދު ކުރިން ހީކުރިވަރަށްވުރެ ރަގަޅުނުވާނެކަމަށް ޑީބީސްގެ މާހިރު ރާދިކާ ރާއޯ ވިދާޅުވިއެވެ.
ނޭޝަނަލް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކައުންސިލުން ކުރިން މިއަހަރަށް ޖީޑީޕީ ލަފާކޮށްފައިވަނީ 2.5 އިންސައްތައާއި 3.5 އިންސައްތައާއި ދެމެދުގެ އަދަދަކަށް އިތުރުވާނެކަމަށެވެ. އައު ލަފާކުރުންތައް ހޯމަދުވަހު އާންމުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.