ޖަޕާނުގެ އިޤްޠިޞާދު ފުރަތަމަ ކުއާޓަރުގައި ހީވެސްނުކުރާހާ ދަށަށް ހިގައްޖެއެވެ. ފުރަތަނަ ކުއަރޓާގައި ޖަޕާންގެ އިޤްތިސާދު %4.6އަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެޤައުމުގެ އިޤްތިސާދުވަނީ %5.1އަށް ދަށްވެފައެވެ.
ޖަޕާންގެ އިޤްތިސާދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް މީހުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން އަމިއްލަ މީހުން ތަކެތި ބޭނުންކުރާ މިންވަރު މަދުވުމެވެ. ކެޕިޓަލް އެކްސްޕެންޑިޗަރ ދަށްވެ މުދާ ބޭރުކުރާވަރުވެސް ބޮޑުތަނުން ވަނީ ދަށްވެފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުވެގެންދާނަމަ މި ކުއާޓަރުގައިވެސް ޖަޕާނުގެ އިޤްތިސާދު ދަށްވެ ރިސެޝަންކަށް ދިއުން ގާތް ކަމަށް ބައެއް މާހިރުން ލަފާކުރެއެވެ. ޖަޕާނުގެ އެސްއެމްބީސީ ނިކޯ ސެކިއުރިޓީޒްގެ އިޤްތިސާދީ މާހިރު ވިދާޅުވާގޮތުގައި ޗިޕް ލިބުން ދަތިވުމުގެ ސަބަބުން މުދާ ބޭރުކުރާވަރު މަދުވެ ކެޕިޓަލް އެކްސްޕެންޑިޗަރ ވެސް ވަނީ ދަށްވެފައެވެ. ޚަރަދުކުރާ މިންވަރު ބަދަލުނުވާނަމަ މި ކުއާޓަރުގައިވެސް އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް ބަލި ކޮންޓްރޯލް ކުރަން ޖަޕާންގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ބޮޑު ވަޒީރު ޔޮޝިންދޭ ސުގާގެ އޮފީހުންވަނީ ބުނެފައެވެ. އެހެންކަމުން ޖަޕާންގައި ރެސްޓޯރެންޓުތައް ބަންދުކުރާ ގަޑިއަވަސް ކޮށް އެތަންތަނުން ބަނގުރާގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.
މެއި މަހުގެ ނިޔަލަށް ފިޔަވަޅުތައް ލުއި ކުރާނެކަމަށްބުނެފައި ވީނަމަވެސް އެކަން އެގޮތަށް ނުވުމާއި، ޓޯކިޔޯ އޮލިމްޕިކްސް ކެންސަލްވުމަކީވެސް ޖަޕާންގެ އިޤްޠިޞާދަށް ލިބުނު އިތުރު ހީނަރުކަމެކެވެ. އަދި މިކަމުގެ ސަބަބުން އަންނަ އޯޓަމްގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ބޮޑުވަޒީރު ސުގާއަށް ކާމިޔާބުނުވުންވެސް އެކަށީގެންވާކަމަށް ޚަބަރުތައް ބުނެއެވެ.