ކޯވިޑް-19

ކޯވިޑް-19 : ގއ.ވިލިނގިލީގައިވެސް ކާފިއު އިޢުލާންކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައިވެސް ކާފިޢު އިޢުލާންކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައި މިއަދުން ފެށިގެން މިމަހުގެ 26 އަށް ގއ. ވިލިނގިލީގައި ވަނީ ކާފިޢު އިޢުލާންކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިރުއޮއްސި 6 އިން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާކަމެކެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވިލިނގިލީގައިވެސް އިތުރު ފިޔަވަޅުތަކެއް އެޗް.ޕީ.އޭއިން ވަނީ އަޅާފައެވެ. އެގޮތުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުންވެސް ހުއްޓާލުމަށް އަންގާފައިވެއެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަންވެސް ބަންދުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޞިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުންވެސް ހުއްޓާލުމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ.

ވިލިނގިލީގައިވެސް ހޮޓާތަކާ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް އާއްމުންގޮސްގެން ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ކަނޑައަޅާފައިވާ އުޞޫލުން ޓޭކްއަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތްދެވޭނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ވިލިނގިލީގައި ހަފްތާއެއްގެ މުއްދަތަށް ކާފިޢު އިޢުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އައްޑޫއާއި، ފުވައްމުލަކުގެ އިތުރުން ލ. ގަމުގައިވެސް މިހާރު ވަނީ ކާފިޢު އިޢުލާންކޮށްފައެވެ.