އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ޤައުމުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވި މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން ދައުލަތުން އައްޑޫ ސިޓީ އަށް ދޫކުރާ ބަޖެޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވާފައެވެ. އަދި އައްޑޫ ސިޓީގައި ރިސޯޓު ހުޅުވުމަށް ފިނޭންސް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިނިސްޓަރ އޮފް ފިނޭންސް، އިބްރާހިމް އަމީރާ މިއަދު ބައްދަލުކުރައްވައިފި.
— Addu City Council (@AdduCityCouncil) May 23, 2021
އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ކޯވިޑް-19 އާ ގުޅިގެން ދައުލަތުން އައްޑޫ ސިޓީ އަށް ދޫކުރާ ބަޖެޓާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ. (1/3) pic.twitter.com/xzLzFDF34E
ސަރުކާރުން ދަނީ އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މިއަހަރުތެރޭ އިތުރު މަޝްރޫޢުތަކެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ އައްޑޫ ސިޓީ މަގުތަކާއި އެސިޓީގެ ބްރިޖް ހެދުމުގެ މަސައްކަތެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެވެސް ބިޔަ މަޝްރޫޢެއް ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ މި ބިންތަކުގައި ގެސްޓް ހައުސާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށް ވަނީ ރާވާފައެވެ.
އައްޑޫ ސިޓީއަކީ މާލެ ސިޓީއަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ. އެގޮތުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް ތިރީހަކަށް ހާހެއް މީހުން ދިރިއުޅޭ ކަމަށް ހިސާބުތަކުން ދައްކައެވެ.