ސިޔާސީ

ބޮމުގެ ޙަމަލާއާ ގުޅިގެން ހައްޔަރުކުރި އެންމެންވެސް ޕޮޒިޓިވް، ތަޙްޤީޤަށް ދަތިތަކެއް


ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންނާއި، މި މައްސަލައިގެ ތަޙްޤީޤު ޓީމުގައި ހިމެނޭ ގިނަ އޮފިސަރުންތަކެއްވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަޙްޤީޤު ކުރިއަށްދާގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކާ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ މި ޙާލަތުގެ ސަބަބުން ތަޙްޤީޤުގެ ކަންކަން އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށްގެންދިއުމަށް ދަތިތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި އެންމެނާއި، ތަޙްޤީޤު ޓީމުގައި ހިމެނޭ ގިނަ އޮފިސަރުންތަކެއްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލައަކީ ފުލުހުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ބަލަމުންދާ މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤުގެ ކަންކަމުގައި މިހާތަނަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި ތަޙްޤީޤު ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، ނަމަވެސް ތަޙްޤީޤުގެ ސްޕީޑް އެންމެ ބޭނުންވާ މިންވަރަށް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ 450 އެއްހާ އޮފިސަރުން ޚާއްސަކުރެވި ތަޙްޤީޤު ކުރުމުގެ މަސައްކަތް ފެށި މިއަދާ ހަމައަށް އައިރު އެކަށީގެންވާވަރުގެ ކުރިއެރުންތަކެއް ލިބިފައިވޭ. ތަޙްޤީޤު ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއަށާއި 241 ކޮމެޓީއަށަށާއި، މަޖިލީހުގެ ކަމާގުޅުންހުރި ބޭފުޅުންނަށް ބްރީފްކޮށްދެމުންގެންދަން. އަދި ބޭރުގެ ތަޖުރިބާރުންގެ ފުރިހަމަ އެހީތެރިކަމާއެކުގައި މި ތަޙްޤީޤު ކުރިއަށްދަނީ. އެހެންކަމުން މަސައްކަތް ކުރެވެމުންދާގޮތާމެދު އަޅުގަނޑުގެ ހިތްހަމަޖެހުން އެބައޮތް. ސްޕީޑު އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުގެންދެވުމުގައި ބައިވަރު ސަބަބުތައް އެބަހުރި. އެކަން އަދި އިތުރަށް ބާރުކުރަން އަޅުގަނޑުމެން ބޭނުންވޭ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ތަޙްޤީޤަށް ލިބެމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާއި ގުޅިގެން މި މައްސަލައިގައި މިހާތަނަށް 4 މީހަކު ހައްޔަރުކޮށް، މިކަމުގެ ވަށައިގެންވާ ގިނަ ކަންތައްތަކާ ހަމައަށް ވާޞިލުވެވިފައިވާކަމަށެވެ. އަދި މުޅި ތަޙްޤީޤު ބިނާކޮށްފައިވަނީ މިކަމުގައި ބައިވެރިވި، އެހީތެރިވި، އަދި ފަންޑުކުރި ބަޔަކު ތިބިނަމަ، އެބަޔަކުވެސް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްކަމަށާއި، އެކަންކަމަށްވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައަކީ މިހާރުވެސް ތަޙްޤީޤު ހިނގަމުންދާ މައްސަލެއްކަމުން އެކަމުގެ އިތުރު ތަފްޞީލެއް މިނިސްޓަރ ހިއްސާކުރައްވާފައެއްނުވެއެވެ.

"ތަޙްޤީޤުކުރިއަށްދަނީ މިކަން ރާވާ އިމްޕްލިމެންޓްކުރި މީހުންނާއި، އަދި އެކަމަށް ބަޔަކު ފަންޑުކޮށްފައިވާނަމަ އެކަންވެސް ހޯދޭނޭގޮތަށް ޕްލޭން ކުރެވިގެން. އެއަށް އަމާޒު ހިފިގެން. ތަޙްޤީޤުގެ މަސައްކަތް ލައިން އޮފް އިންކުއަރީސް ބިނާކުރެވިފައިވަނީ މުޅި މި ޙަމަލާ ރޭވި އިމްޕްލިމެންޓްކުރުމުގެ ފަހަތުގައި ހުރި ހުރިހާ ކަމެއް ބަލާ ހޯދުމުގެ ތެރެއިން. އެގޮތަށް އަމާޒުކުރެވިގެންދަނީ. އެ ދިމާލަށް ކުރިއެރުންތައް ލިބެމުން އެބަދޭ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ޚިދުމަތްތަކުން ކުރަމުންދާ މަސަައްކަތްތަކަށް އިޝާރަތްކުރައްވާ މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ތަފާތު ޙާލަތްތަކާ ގުޅިފައިވާ 14 މީހަކު މިހާރުވެސް ހައްޔަރުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 9 މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީގައި ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ، ބޮމާ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ނުރައްކާތެރި މީހުން ދިވެހި މުޖުތަމަޢުގެ ތެރޭގައި އުޅުނު ނަމަވެސް އެފަދަ މީހުން ހައްޔަރުކޮށް، ބޭތިއްބޭނެ ގޮތެއް ޤާނޫނުގެ ތެރެއިން ނުލިބޭކަމަށެވެ. އަދި އެފަދަ ހަމަލާއެއް ރާވައި ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެގޮތެއް ނެތްކަމަށާއި، އެކަން ކުރެވޭނެ ގޮތެއް ޤާނޫނުގެ ތެރެއިން ލިބިދޭގޮތަށް ޤާނޫނު އިސްލާހުކުރުމަށް މަޖިލީހުގެ އިތުރުން ބަންޑާރަ ނައިބާއެކުވެސް މަޝްވަރާތައް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.