ޚަބަރު

ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް! އުދަ އަރާފާނެކަމަށް ލަފާކުރެވޭ - މެޓް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް ބައެއްރަށްތަކައި އުދަ އަރައި ފެންބޮޑުވެއްޖެއެވެ. މިވިއްސާރައިގައި އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ބައެއް ވަގުތުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވެ އުދަ އަރާފައި ވެއެވެ.

ވައިގަދަވުމުގެ ސަބަބުން ޅ.ނައިފަރުގެ މީހުން ދިރި އުޅޭ ގެއެއްގެ ފުރާޅު އެއްލާލައިގެން ފުރާޅު ހެދުމުގެ މަސައްކަތުގައި އެންޑީއެމްއޭއިން އެރަށު ކައުންންސިލްއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ވައިގަދަވުމުގެ ސަބަބުން ހދ.ކުޅުދުއްފުށީގެ މީހުން ދިރިނޫޅޭ ގެއެއްގެ ފުރާޅުވެސް މިއަދު އެއްލާލާފައިވެއެވެ.

މިމަހުގެ 25އިން ފެށިގެން މާލެއަތޮޅު ދިއްފުއްޓަށް އެކި ވަގުތުތަކުގައި އުދަ އަރައި ގެއްލުންވެފައިވެއެވެ. ބައެއް ގޭގެއަށް ލޮނުގެ އަސަރު ވަނީ ކޮށްފައެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެންޑީއެމއޭއިން ވަނީ އެރަށށް ބޭނުންވާ ވެލިގޯނި ފޯރުކޮށްދިނުމާއި ފެން ހިންދުމަށް ބޭނުންވާ ޕަމްޕް ފޯރުކކޮށްދީފައެވެ. މީގެ އިތުރުން މިއަދު ވަނީ ދ.މާއެނބޫދޫއަށްވެސް އުދައަރައި 10 ވަރަކަށް ގެއަށް ލޮނުގެ އަސަރު ކޮށްފައެވެ. އެ ރަށު ކައުންސިލާއި އެމްއެންޑިއެފް ގުޅިގެ ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މ.އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. މިގޮތުން އެ އަތޮޅު މަޑުއްވަރިއަށް ވަރަށް ބޮޑަށް ވަނީ އުދައަރާފައެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫއަށް އުދައަރައި އެރަށު ފަޔަރ ސްޓޭޝަނުން ރަށުތެރޭ ވެލިބަސްތާ ޖަހާއި ފެންހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށްވަނީ ފަތިހު 4:00އާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މިވަގުތުތަކުގައި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ގަޑިއަކު 19 މޭލައި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިދަވެ ކަނޑުތައްވެސް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނި ވިއްސާރާގައި ކަނޑުތައް ގަދަވާނެތީވެ ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.