ޚަބަރު

ސްޕޮޓެނިކް ވެކްސިން ވިހާވެސް އަވަހަކަށް ފޮނުވޭތޯ މަސައްކަތް ކުރާނަން - ރަޝިޔާ


ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕޮޓެނިކް ވެކްސިން ވިހާވެސް އަވަހަކަށް ރާއްޖެއަށް ފޯރުކޮށްދެއްވުމުގެ މަައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޤައުމުގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.

ލަވްރޯފް މިހެން ވިދާޅުވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފޯނުން ކުރެއްވި މަޝްވަރާތަކުގައެވެ. މިނިސްޓަރ ޝާހިދު ރޭ ވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރ ލަވްރޯފް ފޯނުން ގުޅުއްވާ ކޯވިޑްގެ ޙާލަތާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި މިނިސްޓަރ ޝާހިދު ވަނީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާ ބެހޭ ތަފްސީލުތައް ރަޝިޔާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.

ރަޝިޔާއިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރ ވަނީ މިނިސްޓަރ ޝާހިދަށް އަރުވާފައެވެ. މީގެ އިތުރުންވެސް ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ޚާރިޖީ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޯވިޑަށް ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕޮޓެނިކް ވެކްސިންގެ 2 ލައްކަ ޑޯޒަށް ވަރަށް އަވަހަށް އޯޑަރު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މި ވެކްސިން ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ދެއްވަމުން ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ ސްޕޮޓެނިކާއި ގުޅޭ އެގްރިމްނެޓް ލިބިފައިވާކަމަށެވެ. އެ އެގްރިމެންޓް ބަންޑާރަ ނާއިބުގެ އޮފީހުން ދިރާސާކުރައްވާ ދެއްވި ރިކޮމެންޑޭޝަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަޝިޔާ ކުންފުންޏަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ނަސީމު ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ފަރުވާ ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި ގޮތުން ޤައުމުތަކާއި އޮތް ގުޅުމުގެ ތެރެއިންވެސް ވެކްސިން ލިބޭނެ އިންތިޒާމްތައް ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަމުގައި ބައެއް ދަތިތައް އެބަހުރިކަމަށާއި އެހެންނަމަވެސް ހުއްޓާ ނުލާ ދިވެހި ސަރުކާރުން އެކަން ކުރައްވަމުން ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.