ޚަބަރު

ފިޔަވަޅުތަކާ ޚިލާފުވާ މީހުން ދަނީ އިތުރުވަމުން، ނުރައްކާ ކުޑަކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ - މަބްރޫކް


ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާމީހުން އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށާ މިހާރުހުރި ފިޔަވަޅުތަކަށް ލުއިދެވޭނީ ޢާންމު ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ބަލިން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއެކު އާންމުގެ ފަރާތުން ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި އެދެވޭ ނަތީޖާއެއް ފެނުނުނަމަވެސް ފިޔަވަޅުތަކާއި ގުޅިގެން ޖޫރިމަނާކުރާ މީހުންގެ އަދަދު މިހާރު ހުރިގޮތުން ކަންބޮޑުވާންޖެހޭކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޢަމަލުކުރަންޖެހޭ އުސުޅުތައް ހަރުކަށިކުރުމާއެކު އެކަންކަން ތަންފީޒުކުރުމަށް ފުލުހުންދަނީ ހަރަކާތެރިވަމުންނެވެ. އިއްޔެ އިރުއޮއްސި 06:00އާ ހަމައަށް އެކިކަންކަމުގައި ކާފިއުގެ އުސޫލުތަކާ ޚިލާފުވެގެން 913 މީހުން ޖޫރިމަނާކުރަންޖެހުނެވެ. އޭގޮތުން އެ 24 ގަޑިއިރު ތެރޭގައިި 631 މީހަކު ޖޫރިމަނާ ކޮށްފައިވަނީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެންކަމަށާ، މާސްކު ނާޅައި އުޅުމުގެ ސަބަބުން 200އަށްވުރެ ގިނަ މީހުން ޖޫރިމަނާކުރިކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"ފުލުހުން އެކުރާ މަސައްކަތުން ހިފެހެއްޓެނީ ނުވަތަ އެބޭފުޅުންނަށް ފާހަގަކުރެވެނީ ނިސްބަތުން މަދު އަދަދެއްގެ ބައެއް. އެހެން ނަމަވެސް މިއީ އާންމުކޮށް 100އާ ހިސާބުގައި ހުންނަ ނަންބަރެއް މިހާރުމިވަނީ 900އަށް އަރާފައި. މިކަމުން އަރައެއް ނުގަނެވޭނެ ބަލި ފެތުރޭ މިންވަރު ދަށްކޮށްގެން ނޫނީ. މިކަން ކުރެވެން އަންނަނީ މިހާރު އެޅިފައި ހުރި ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރެވިގެން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑް-19ގެ ކޭސްތައް އިތުރުވެގެން ދިޔުމުން ކުރިމަތިވާ ކަންކަން، ޚާއްސަކޮށް ނަންބަރުތައް ނުހިފެހެއްޓި ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ހުރި އުނދަގޫތަކާއި އެކަމުގެ ސަބަބުން އާއިލާތަކުން ތަހަންމަލް ކުރަންޖެހުނު ތަކުލީފުވެސް ފެނިގެން ހިނގައްޖެކަމަށާއި އެހާލަތަށް އިތުރަށް ދިޔަ ނުދިނުމަށް ފިޔަވަޅުތަކަށް ތަބާވާންޖެހޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމްގެ ފަރާތުން ޑރ.އިބްރާހީމް ޝިހާމްވެސްވަނީ ދަތިތަކެއް ހުރިނަމަވެސް ބަލި ކޮންޓްރޯލް ކުރުމައްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން މިހާރު ކޭސްތައް ފެންނައިރު އަލާމާތްތައް ނެތި ވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު %15އާ %30އާ ދޭތެރޭއުޅޭއިރު ބަލީގެ އަލާމާތެއް ނެތްނަމަވެސް ގޭތެރޭގައި އުޅޭއިރު ހައިރިސްކު މީހުންނާއި މުއާމަލާތު ކުރާއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ގިނަގިނައިން އަތްދޮވުމަށް ސަމާލުވުމަށް ޑރ.ޝިހާމްވަނީ އިރުޝާދު ދެއްވާފައެވެ.

"އެބައޮވޭ ކޮންމެ ގެއެއަކަށްވެސް ބޭރަށްދެވޭގޮތަށް ފާސް ދޫރުރާގޮތަށް ނަމަވެސް އެއީ ލައިސަންސެއްކަމަށް ދެކިގެން ނުވާނެ ކޮންމެ ގޭބިސީއަކުން 2 މީހަކު އަބަދު ބޭރުގައި އުޅުމަށް. އެފާސް ބޭނުންކޮށްގެންދާންވާނީ އެސެންޝަލް ކަންމަށް އެކަނި" ޑރ.ޝިހާމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންގޮސް މިމަހުގެ ފަހުކޮޅާއި ހަމައަށް ޚާއްސަކޮށް މާލެ ސަރަޙައްދުގައި ބަލީގެ ނުރައްކާވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން އެތައް ހާސްބަޔަކު ޕޮޒިޓިވްވެ ފަރުދާ ހޯދާމީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. އަދި މި މޭމަހުގެ ތެރޭގައި މިބަލީގައި ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުންވަނީ ނިޔާވެފައެވެ.

މިޔާއެކު މާލޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ކާފިއުގެ ވަގުތު އިތުރުކުރުމާއެކު ހުއްދަނެތި އެއްވެސް ވަގުތަކު ބޭރުގައި އުޅުންވަނީ 2 ހަފްތާގެ މުއްދަތަށް އިތުރުކޮށްފައެވެ.