ރިޕޯޓް

ކުނި ނައްތާލުމުގެ ނިޒާމްތައް އަތޮޅުތަކުގައި ޤާއިމުކުރުން


ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް
އަތޮޅުތަކުގައި ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް
ކުރައްވަމުނެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ އެހީދޭ ޖަމިއްޔާތަކުން
ފަންޑު ހޯދައިގެން ކުނި ނައްތާލެވޭނެ ނިޒާމް އަތޮޅުތަކުގައި ޤާއިމުކޮށްދިނުމުގެ
މަޝްރޫޢުތައް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަދެއެވެ.



ކުނީގެ މައްސަލައަކީ ޒާމާނުންސުރެއް ރާއްޖޭގެ އެކި
ސަރަހައްދުތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިކަން ހައްލުކޮށް،
ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް އަތޮޅުތަކުގައި ޤާއިމުކުރުމަށް
ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.



ބަޖެޓް ކޮށްގެންނާއި، ބޭރުގެ އެހީދޭ ޖަމާއަތްތަކާއި
ގުޅިގެންވެސް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން މިހާރު
ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް
ޕްރޮގްރާމް – ޕީ.އެސް.އައި.ޕީގެ ދަށުންނާއި ވޯލްޑް ބޭންކްގެ އެހީގައި
ކުރިއަށްގެންދާ މޯލްޑިވްސް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް - މެމްޕްގެ
ދަށުން ޖުމްލަ 25 މަޝްރޫޢެއް ސަރުކާރުން މިއަހަރު ތެރޭ ވަނީ ފައްޓަވާފައެވެ. 
ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް
މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ޑީޕާޓްމަންޓްގެ ސިވިލް އިންޖިނިއަރ ޝަފާތު
އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުތަކުގެ ދަށުން އައިލެންޑް ވޭސްޓް މެނޭޖްމަންޓް
ސެންޓަރ ނުވަތަ ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި އެޅުމާއި، އެފަދަ ތަންތަން
މަރާމާތުކުރުމާއި، އިންސިނެރޭޓަރ ނުވަތަ ކުނި އަންދަން ބޭނުންކުރާ މެޝިން
ޤާއިމުކުރުމާއި، އެއްތަނުން އަނެއްތަނަށް ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލް
ފޯރުކޮށްދިނުން ފަދަ މަސައްކަތްތައް ކޮށްފައިވާކަމަށެވެ.   2015 ވަނަ އަހަރު ޕީ.އެސް.އައި.ޕީގެ ދަށުން އެގާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ
ހަރަދުކޮށްގެން 17 މަޝްރޫޢެއް ވަނީ ފަށާފައި. މީގެ ތެރެއިން 8 މަޝްރޫޢެއްގެ
މަސައްކަތް އެއްކޮށް ނިމިފައިވާއިރު، 9 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ދަނީ
ކުރަމުންނެވެ.



އެގޮތުން މިއަހަރު ތެރޭ ޕީ.އެސް.އައި.ޕީގެ ދަށުން ފަސް
މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 7 ރަށެއްގައި ވަނީ އަލަށް ކުނިކޮށި ޤާއިމުކޮށްފައެވެ.
މީގެ އިތުރުން 6 ރަށެއްގައި މިހާރުވެސް ކުނި ކޮށި އެޅުމުގެ މަސައްކަތް
ކުރަމުންދާއިރު، 2 ރަށެއްގައި އިންސިނެރޭޓަރު ޤާއިމުކުރުމުގެ މަސައްކަތް ޕީ.އެސް.އައި.ޕީގެ
ދަށުން ދަނީ ކުރަމުންނެވެ.



ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެންވަޔަރަމަންޓް
މެނޭޖްމަންޓް ޕްރޮޖެކްޓް – މެމްޕްގެ ދަށުން ރ. ވަންދޫގައި ރީޖަނަލް ވޭސްޓް
މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް،
މިއަހަރުތެރޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ރ. ވަންދޫގައި ޤާއިމުކުރާ ރީޖަނަލް
ވޭސްޓް މެނޭމަންޓް ސެންޓަރަކީ ނ. ރ. ބ. އަދި ޅ އަތޮޅު ހިމެނޭ ގޮތަށް ރާއްޖޭގައި ތަރައްޤީކުރާ
ފުރަތަމަ ސަރަހައްދެވެ. އެގޮތުން 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން
ދެ ރަށެއްގައި އަލަށް ކުނިކޮށި އަޅާފައިވާއިރު، އިތުރު ދެ ރަށެއްގެ ކުނިކޮށި
މަރާމާތުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން 2.3 މިލިއަނަށް
ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތިން ރަށެއްގައި އަލަށް ކުނިކޮށި އެޅުމާއި،
އިތުރު ރަށެއްގެ ކުނިކޮށި މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.




އަތޮޅުތަކުގައި ކުނިކޮށި ޢިމާރާތްކުރުމާއި،
މަރާމާތުކުރުމުގެ އިތުރުން، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ބޭނުންކުރާ
ބައެއް މެޝިންތައް އަތޮޅުތަކަށް ފޮނުވުމުގެ ކަންކަންވެސް މިއަހަރު މިނިސްޓްރީގެ
ފަރާތުން ވަނީ ކޮށްފައެވެ. މީގެ ތެރޭގައި 28 ރަށަކަށް ޑަސްބިން ފޮނުވުމާއި، 25
ރަށަކަށް ދަޅުފިއްތާ މެޝިން ފޮނުވާފައިވެއެވެ. އަދި ދެ ރަށަކަށް ޕްލާސްޓިކް
ޝްރެޑަރ ނުވަތަ ޕްލާސްޓިކް ވިރުވަން ބޭނުންކުރާ މެޝިން ފޮނުވާފައިވާއިރު، ދެ
ރަށަކަށް ވުޑް ޝިޕަރ ނުވަތަ ފިލަޔާއި، ލަނކުނޑިފަދަ އެއްޗެހި ކޮށަން ބޭނުންކުރާ
މެޝިން ވަނީ ފޮނުވާފައެވެ. މީގެ އިތުރުން ތިން ރަށަކަށް ބިއްލޫރި ޒާތުގެ އެއްޗެހި
ނައްތާލަން ބޭނުންކުރާ މެޝިން ފޮނުވާފައިވެއެވެ.