ޚަބަރު

އެމެރިކާއިން ކޯވިޑް ވެކްސިން ފުރަތަމަ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި


އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިޢުލާނުކުރެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޯބައިޑަންއަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

އެމެރިކާއިން ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެޤައުމުގެ ރައީސް ޖޯސެފް ބައިޑަން އިއުލާންކުރައްވާފައިވާއިރު، ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމެރިކާއިން ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވިކަމައްޓަކައި އެމެރިކާގެ ރައީސް ޖޯބައިޑަންއަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އެމެރިކާއި ފޮނުވާ މިވެކްސިން މަރުހަބާއާއެކު ބަލައިގަންނަ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


އެމެރިކާއިން ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ފޮރިން މިނިސްޓަރ ވިދާޅުވީ އެމެރިކާއިން ކޯވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމަށެވެ.


އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއާ މާދަމާ ރަސްމީކޮށް ހަވާލުކުރާނެއެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ ޞިއްޙީ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމެވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

އަދި މި ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހިރާއްޖެ، ޕާކިސްތާނާއި ސްރީލަންކާއަށް ދޭ އެހީގެ ސާމާނު ފޮނުވާފައިވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން މީގެކުރިންވެސް ވަނީ އެކި ފަހަރު މަތިން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑްގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވެއެވެ. އަދި އެމެރިކާއިން ވަނީ ޕީޕީއީއާއި ޕީސީއާރު މެޝިންގެ އިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްތަކައި ބޭނުންވާ އެހެނިހެން އާލާތްތައްވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން އިޖުތިމާޢީ ޚިދުމަތްތައް ވަރުގަދަކުރުމާއި އިޤްތިޞާދީ ކާރިސާއަށް އިޖާބަދިނުމުގައި އެހީވުމަށް އެމެރިކާއިން ވަނީ މާލީ އެހީތެރިކަންވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.