ޚަބަރު

ކޯވިޑް-19 : ބަނޑިދޫން ޕޮޒިޓިވްވި މީހަކު ނިޔާވެއްޖެ


ބަނޑިދޫން ކޯވިޑަށް ޕޮޒިޓިވްވި މީހަކު ނިޔާވެ، ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި މީހުންގެ ޢަދަދު 175އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބަނޑިދޫއިން ނިޔާވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނު 11:17 ހާއިރުކަމަށެވެ.

ބަންޑިދޫން ވާހަކަދެއްކި މީހަކު ބުނީ އެ މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވީ މީގެ 14 ވަރަކަށް ދުވަސް ކުރިންކަމަށެވެ. ޕޮޒިޓިވްވި ހިސާބުން ފެށިގެން މާބޮޑު އުނަގޫތަކެއް ނުފެނި ހުރިނަމަވެސް މީގެ 3 ވަރަކަށް ދުވަސްކުރިން އޭނާގެ އޮކްސިޖަން ދަށްވެގެން ފަރުވާ ދީފައިވާކަމަށެވެ. އަދި އޭނާ ނިޔާވީ ހާލު ސީރިއަސްވުމާއި ގުޅިގެން މިއަދު މެންދުރު ލ. ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ގެންދަން ތައްޔާރުވެފައިވަނިކޮށްކަމަށްވެސް ބަނޑިދޫއިން މައުލޫމާތުދިން މީހަކު ބުންޏެވެ.

ބަނޑިދޫއަކީ ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ފެނިފައިވާ ރަށެކެވެ. އެގޮތުން މިހާތަނަށް 107 މީހަކު ވަނީ އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް އެރަށުގެ 33 ގެެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 175 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 159 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިބަލީގައި މިމަހުގެ ފުރަތަމަ ދުވަހުވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.