ޚަބަރު

މޮނިޓަރިންގައި ހުރި ރަށްރަށަށް ސިއްޙީ ފަރުވާއަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިފި


މޮނިޓަރިންގެ ހާލަތްތަކުގައި އޮންނަ ރަށްތަކަށް ސިއްޙީ ޚިދުމަތް ހޯދުމަށް 24 ގަޑިއިރަށްވުރެ ކުރު ދަތުރުކުރާ ފަރާތްތަކުން އެނބުރި ރަށަށް އައިސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

ކޯވިޑު-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ސިއްހީ ފަރުވާ ހޯދަން ދިއުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ލުއިތަކެއް ދީފައެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދލުވުމުގައި އެޗްއީއޯސީގެ ލީގަލް ކްލަސްޓަރގެ ހެޑް އިސްމާޢިލް ޒާހިރު ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދަތުރުކުރެވޭނެ އުޞޫލަށް ގެނެވުނު ބަދަލާއެކު ސިއްހީ ބޭނުމަށް ރަށްރަށަށް ދަތުރުކުރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނައިރު އެރަށެއްގައި ނުވާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މީގެ ތެރޭގައި ސިއްޙީ ފަރުވާއަށް މާލެ އަންނަ ފަރާތްތައް ނުހިމެނެއެވެ.

ޒާހިރު ވިދާޅުވީ ސިއްޙީ ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ހުއްދަ ހޯދަން ޖެހޭ ގޮތަށް ކުރިން އޮތްނަމަވެސް މިހާރު އެމީހަކު ހުންނަ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަނަކުން އެމީހަކު ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރުގެ ސިޓީއަކާއެކު އިތުރު ހުއްދައަކާއި ނުލާ އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް ސިއްހީ ހިދުމަތަށް ގޮސް އެއްވެސް ސަބަބަކާހުރެ އެހެން ތަނެއްގައި ވަގުތީ ގޮތުން މަޑުކުރަންޖެހޭނަމަ ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެކުގައި އައި މީހުން ފިޔަވައި އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މޮނިޓަރިންގައި އޮންނަ ރަށެއްގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރަންޖެހޭނަމަ އެނބުރި ރަށަށް ގޮސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް ޖެހޭ މީހުންގެ އަދަދު މާލެ ސަރަޙައްދުގައި އިތުރުވިނަމަވެސް އަތޮޅުތެރޭގެ ބައެއްރަށްތަކުންވެސް ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ. މިއާއެކު މިހާރުވެސް ބަލި ފެނިގެން 71 ރަށް އޮތީ މޮނިޓަރިންގެ ހާލަތަށްގެނެސް އަރާ ފޭބުން މަނާކޮށްފައެވެ.

މާލެއާއި އަތޮޅުތެރޭގައި ކޯވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި މާލެއިން އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތައްވެސް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ.

މިގޮތުން މިހާރު ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހޭ މީހުން އަތޮޅުތެރެއަށް ދަތުރުކުރެވޭނެއެވެ.