ޚަބަރު

ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި


ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް މެޑިކަލް ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. މި މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. މިއީ ތިން ފަންގިފިލާގެ އިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފްއެވެ. އަދި މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބައެއް މައުލޫމާތު ދެއްވާފައެވެ.

ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. އިމާރާތަށް ބައެއް ބަދަލު ގެނެސް ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. މި ފެސިލިޓީ ހަދަނީ 3 ފަންގިފިލާއަށެވެ. އިމާރާތުގެ އެންމެ ތިރީ ބައިގެ %36 އަށްވުރެ ބޮޑަށް މަސައްކަތް މިހާރު ނިމިފަވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުރަތަމަ ފަންގިފިލާގެ %20އަށް ވުރެ ބޮޑަށް ދެވަނަ ފަންގިފިލާގެ %45 އަށް ވުރެ ބޮޑަށް އަދި ތިންވަނަ ފަންގިފިލާގެ %17އަށް ވުރެ ބޮޑަށް މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ މިމަހުއެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ފެސިލިޓީގެ މަސައްކަތް ނިންމާ، ހަވާލުކުރުމަށްކަމަށެވެ. ފެސިލިޓީގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ރޭމްޕް ހެދުމާއި، ޓްރައޭޖް އޭރިއާގެ ފާޚާނާ ހެދުމާއި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ.

ކޯވިޑަށް ފަރުވާދޭ އިތުރު ފެސިލިޓީތަކުގެ މަސައްކަތް ފަށާފައިވަނީ، ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން އިތުރުވުމުންނެވެ. މިއާއެކު ހުޅުމާލޭގަ މިހާރު ބޭނުންކުރަމުން އަންނަ މެޑިކަލް ފެސިލިޓީއާއި، އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި ކޯވިޑް ފެސިލިޓީތަކަށްވެސްވަނީ ބާރުބޮޑުވެފައެވެ.

ކޯވިޑަށް ފަރުވާދިނުމަށް ފުރަތަމަ ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގައެވެ. ނަމަވެސް މިދިޔަ އަހަރު ޖޫންގައިވަނީ ހުޅުމާލޭގަ "ކޯވިޑް މެޑިކަލް ފެސިލިޓީ" ހަދާ، އެތަނުގައި ކޯވިޑާ ގުޅުންހުރި ފަރުވާދޭން ފަށާފައެވެ. މި ފެސިލިޓީގެ ޚިދުމަތްފެށީ 290 އެނދާއެކުއެވެ. ނަމަވެސް ފަހުންވަނީ އެނދުގެ އަދަދު އިތުރުކޮށްފައެވެ. އަދި މިދިޔަ މަހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއްވެސް ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. މިއީ 120 އެނދުގެ ފެސިލިޓީއެކެވެ.