ޚަބަރު

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސަކަށް ޑރ.ފަރަހަނާޒް


ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ހަމަޖައްސަވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ހަފްލާގައި އެކަމަނާއާ ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލިންޑާ ސްކޮޓްއެވެ. މިއާއެކު މިފަހަރަކީ މި ނެޓްވޯކްގެ ރައީސާކަން ކުރެއްވުމަށް ރާއްޖެއަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.

ޑރ. ފަރަހަނާޒް ފައިސަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސޮފީ ކަޓްސަރަވާއެވެ. އަދި މި ނެޓްވޯކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ އެމްބަސީގެ ސަފީރުގެ ނާއިބުއެވެ. ޑރ. ފަރަހަނާޒް ފައިސަލް މަޤާމުގެ މަސްއޫލިއްޔަތުން ނަންގަވާނީ މި އަހަރުގެ ޖުލައި މަހުއެވެ. އެކަމަނާގެ ރައީސާކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުމެވެ.

މި ޖަމްއިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަޤާމެކެވެ. އެ ގޮތުން މި ނެޓްވޯކްގެ މަސައްކަތް އަލުން ފަށާގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލްމަހުގެއެވެ. މި ނެޓްވޯކްގެ ފުރަތަމަ ރައީސްއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރުއެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްއަކީ މީގެ އެތައް އަހަރެއްކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވޯކްއެކެވެ. އެތަކެއް އަހަރެއްވަންދެން މި ނެޓްވޯކްގެ މަސައްކަތްތައް މަޑުޖެހިފައިއޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން މި ނެޓްވޯކްގެ މަސައްކަތް އަލުން ފެށީ މިިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ.

މި ޖަމްއިއްޔާގެ މައިގަނޑު މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދިރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާ ކަންތައްތައް ދެން ތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވަރކްޝޮޕްތައްވެސް ހިންގައެވެ. މީގެ އިތުރަށް އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރާމްތައްވެސް މި ނެޓްވޯކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.