ކޯވިޑް-19އިން ރައްކާތެރިވުމަށް މާލޭ ސަރަޙައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ކާފިއު ވަގުތު ހަވީރު 4އިން ފަތިހު 4އަށް ބަދަލުކޮށްފިއެވެ. މާލޭ ސަރަޙައްދުގައި މީގެ ކުރިން ކާފިއު އިޢުލާންކޮށްފައި އޮތީ ހަވީރު 4އިން ހެނދުނު 8އަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކާފިއު ގަޑިއަށް ގެނައި ބަދަލުތަކާއެކު އެކަނި ކަސްރަތުކުރުމަށް ނުކުންނަށް މީހުންނަށް ފަތިހު 4އިން ހެނދުނު 8އަށް އިތުރު ހުއްދައަކާ ނުލައި ނުކުމެވޭނެކަމަށެވެ. އަދި މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު އަދި ދެވެންނެތްނަމަވެސް މިސްކިތަށް އެކަނިގޮސް މިހާރު ނަމާދުކުރޭވެނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ސެލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވާލުމަށްޓަކައި ގައިޑްލައިނަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ނިންމާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެފަދަ ތަންތަން އާއްމުކޮށް ހުޅުވައިގެން ޚިދުމަތްދެވޭނީ އެއްފަހަރާ ކަސްޓަމަރުން ވައްދައިގެން ޚިދުމަތް ދިނުމުގެ ބަދަލުގައި ވަކިވަކިން އެޕޮއިންޓްމަންޓް އުޞޫލުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވަން ހުއްދަދިނުމުގެ ކުރިން އެތަންތަނުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބަލާ އިންސްޕެކްޓްކުރާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"މި ތަންތަނަށް އަޅުގަނޑުމެން ގައިޑްލައިނެއް ވަރަށް އަވަހަށް ޢާއްމުކުރާނަން. ޢާއްމުކުރީމަ އެއިން ކޮންމެ ތަނަކުންވެސް ސަރވިސް ޕްލޭނެއް އެޗް.ޕީ.އޭއަށް ހުށަހެޅީމަ، އެ ޕްލޭން ބަލާފައި އަޅުގަނޑުމެންގެ ޓީމެއް ގޮސް އެތަން އިންސްޕެކްޓްކޮށްފައި އެޕޮއިންޓްމަންޓް އުޞޫލުން ވަކިވަކި ގަޑިތަކަކަށް ވަކި ބަޔަކަށް ކިޔާގޮތަށް އެތަންތަނުން ޚިދުމަތްދޭގޮތަށް ހުޅުވާލެވޭނެ ކާފިއު ނޫންގަޑިތަކުގައި" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފުޅާކޮށް، ސަރވައިލަންސްގެ ކަންކަން އިތުރަށް ވަރުގަދަކުރުމަށް މާލޭ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން އަލުން ފަށާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައި އަމާޒަކީ ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ ޓްރޭސިންގެ %80، 24 ގަޑިއިރުގެ ތެރޭގައި ނިންމުންކަމަށާއި، 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ކޭސްތަކެއްގެ ޓްރޭސިންގ ނިންމުންކަމަށް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"މި ދޭތެރެއިން މާލޭ ސަރަޙައްދުގައި ކޭސްތައް އިތުރުވެގެންދިޔަވަރުން ޢާއްމުކޮށް ކޮންޓެކްޓް ޓްރޭސިންގ ކުރާ މިންވަރަކަށް އަޅުގަނޑުމެންނަކަށް އެ މަސައްކަތެއް ނުގެންދެވުނު. ހުއްޓާލަންޖެހުނު ކޮންމެވެސް ވަރަކަށް މާލޭ ސަރަހައްދުގައި. އެކްޓިވް ސަރވައިލަންސްގެ ކަންކަންވެސް މަޑުޖައްސާލަން ޖެހުނު. އެހެންނަމަވެސް މިހާރު ކޭސްތައް މަދުވުމުން މި ދެ ކަންތައް އަލުން ފަށާއިގެން ކުރިއަށް އެބަގެންދަން. އަޅުގަނޑުމެންގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމަށް މި ދެ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ސެލޫންތަކާއި ބޯކޮށާ ތަންތަނަށް ލުއިތަކެއް ދޭން ނިންމާފައިވީނަމަވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން އަދިވެސް އަމަލުކުރަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ހެނދުނު 8:00އިން ހަވީރު 4:00އަށް ފިހާރަތަކާއި ކެފޭތަކަށް ގޮސް ވިޔަފާރިއާއި ޓޭކް އަވޭގެ ޚިދުމަތް ހޯދިޔަސް، ހަވީރު 4:00އިން ފެށިގެން އެތަންތަނުން ހަމައެކަނި ފޯރުކޮށްދެވޭނީ ޑެލިވަރީގެ ޚިދުމަތެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުގައި އެދުމުން ހުއްދަދޫކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިހާރު އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ނިންމާފައިވީނަމަވެސް ދަތުރުކުރުމުގައި އަޅާފައިހުރި ފިޔަވަޅުތައް ކުރިއަށްއޮތް 2 ހަފްތާއަށްވެސް އެގޮތުގައި ދެމިއޮންނާނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ވިދާޅުވެފައެވެ.