ރިޕޯޓް

ކޯވިޑްގެ ޙާލަތުގެ ތެރޭގައި މަކަރާއި ހީލަތުން 7.4 މިލިއަން ރުފިޔާ އަތުލި


ކޯވިޑް-19ގެ ޙާލަތުގެ ތެރޭގައި، މަކަރާއި ޙީލަތުން އެކި މީހުންގެ އަތުން ރުފިޔާ ނެގުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16އާ ހަމައަށް ހުށަހެޅިފައިވާ އެކި މައްސަލަތަލަށް ބަލާއިރު، 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ، 2020ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ. ފާއިޒު ވިދާޅުވީ، އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމަށާއި، މިފަދަ މައްސަލަތައް ކޯވިޑްގެ ޙާލަތުގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިފަދަ ކުށްތައް މިހާރު މިދަނީ ވަރަށް ބޮޑަށް އިތުރުވަމުން. ޚާއްސަކޮށް މިދިޔައަހަރު ހުށަހެޅުނު މައްސަލަތަކަށްވުރެ މިއަހަރު އަހަރު ދެބައިވީއިރު ހުށަހެޅުނު މައްސަލަތައް ގިނަ. މީގެ މާނައަކީ މިއަހަރު ނިމިގެންދާއިރު މި ޢަދަދު ދެގުނަވުންވެސް އެކަށީގެންވެއޭ. އެހެންވީމަ މިކަމަށް އަޅުގަނޑުމެން އެންމެވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ. ކޯވިޑްގެ ތެރޭގައި މިކަން ބޮޑަށް އިތުރުވެފައި މިވަނީ މާލީގޮތުން އެކި މީހުންނަށް ގެއްލުންވުމާއި، ވަޒީފާތައް ގެއްލުންތައްފަދަ ކަންކަންކަމާ ހެދި" ފާއިޒު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ، އޮޅުވާލުމާއި މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ނެގުމުގެ މުއާމަލާތްތައް ހިންގާ ފަަރާތްތަކުން އެފަދަ ކަންކަން ކުރަނީ އެއިރެއްގައި މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު އެކި ކަންކަމާގުޅުވައިގެންކަމަށެވެ.

އެގޮތުން ތަފާތު ނަންނަމުގައި ހިންގާ ޕްރޮމޯޝަންތަކާއި، މަޝްހޫރު ބްރޭންޑްތަކާއި، ފިހާރަތަކާއި، ކުންފުނިތަކުގެ ނަން ބޭނުންކޮށްގެން މިފަދަ މުއާމަލާތްތައް ހިންގާކަން ފާހަގަކުރެވިފައިވާކަމަށް ނާހިދު ވިދާޅުވިއެވެ. އަދި ތަފާތު ކުންފުނިތަކުގެ ނަމުގައި އަސްލުނޫން ލިޔެކިއުންތައް ހަދައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި، ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައިވެސް ނާހިދު ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ މިގޮތަށް މިކަން ކުރަމުންދިޔައިރު ފާހަގަކުރެވުނީ އެކި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި، އެކި އެކި ޖަމިއްޔާތަކާއި އަދި އެކި އެކި ފިހާރަތަކުގެ ނަންނަމުގައާއި، އެކި އެކި މުއައްސަސާތަކުގެ ނަމުގައި، އެއީ އެދުވަސްވަރު ވަރަށް ބޮޑަށް ޕްރޮމޯޝަންތައް އޮތް، ވޯލްޑް ކަޕާއި އެނޫންވެސް. ދެން އައީ އިންވެސްޓަރުންގެ ނަމުގައި. އެދުވަސްކޮޅަކީ ވަރަށް ބޮޑަށް ރިސޯޓުތައް ހުޅުވުމަށާއި، ރާއްޖޭގައި އިންވެސްޓަރުންގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވިގެންދިޔަ ދުވަސްވަރެއް. އެހެންވީމަ މިގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަބަދުވެސް އެދުވަސްވަރެއްގައި ހިނގާ ކަންތައްތަކަށް ބިނާކޮށް އެމީހުންގެ ވާހަކަތައްވެސް ބަދަލުކުރަމުން އަންނަކަން. އެކަމަކާ ގުޅުވާލައިގެން އަބަދުވެސް އެމީހުންގެ ވާހަކަތައް މި ހުންނަނީ" ނާހިދު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކުގެ ތަހްގީގުތަކުން މިފަދަ ކޯލްތައް ގިނައިން އަންނަނީ ޖަލުތަކުންކަން ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައިކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫ ސިޓީގައިވެސް މިހާރު އިތުރުވަމުންދާކަމަށާއި، މިފަދަ ކަންކަން ގިނަ ފަހަރަށް ކުރަނީ ޖަލުގައި ތިބޭ ކުށްވެރިންނާއި ރަށުތެރޭން ބަޔަކާ ގުޅިގެން ނުވަތަ ޖަލުން މިނިވަންވެފައިތިބޭ މީހުންކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އޮޅުވާލުމާއި މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަ ފަހަކަށް އައިސް އިތުރުވެފައިވާއިރު، ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާއި، އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.