"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ ފްލެޓްތައް ދައްކާލުމަށް ނިންމައިފިއެވެ.
އެޗްޑީސީން މިގޮތަށް ނިންމާފައިވަނީ ގިނަ ބަޔަކު ފްލެޓްތައް ބަލާލުމަށް އެދެމުންދާތީކަމަށެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ 6720 ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމަޔަށް ފްލެޓްތައް ބަލައިލުމުގެ ފުރުޞަތު ދޭނެކަމަށެވެ. މިގޮތުން ފްލެޓްތައް ދައްކާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު ފްލެޓްތައް ދައްކާލުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ވިދާޅުވީ ކޮންމެ ފްލެޓެއްވެސް ބަލާލުމުގެ ފުރުޞަތު ދެވޭނީ 2 މީހަކަށްކަމަށާއި ފްލެޓް ބަލަން އަންނައިރު އައިޑީކާޑުގެ އަސްލު ގެނަންޖެހޭނެކަމަށެވެ. އަދި ފްލެޓް ބަލަން ވެރިފަރާތެއް ހާޒިރު ނުވެވޭނަމަ ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެނައުމަށާއި ފްލެޓް ބަލަން އަންނަ ފަރާތްތަކުގެ "ހާޒިރީ"ގައި ނަންނޯޓުކޮށް ސޮއިކުރަން ޖެހޭތީ އަމިއްލަ ގަލަން ގެނައުމަށްވެެސް އެޗްޑީސީން އިލްތިމާސްކުރައްވާފައިވެއެވެ. އެޗްޑީސީން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ފްލެޓް ބަލަން ނާދެވޭ ފަރާތްތަކަށް ދެން ފްލެޓް ދެއްކޭނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހުކަމަށެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަން ދެއްކުމަށް ނިންމާފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ބަލައި، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އަންދާޒާއެއް ހެދުމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މެދުނުކެނޑި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރައްމުންދާ ތަނެއްކަން ފާހަގަކޮށް އެޗްޑީސީން ވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 16 ޓަވަރު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތްތަކާއި އެ ޓަވަރުތަކުގެ ބައެއް ނުނިމި ހުރި މަސައްކަތްތައްވެސް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ކޯވިޑްގެ ހާލަތުގައިވެސް ކަމާބެހޭ އިދާރާތުކުގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ބެލުމުގެ ފުރުޞަތު ހަމަޖައްސާފައި ވަނީ މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅުން ހުރި ކަމަކަށްވެފައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފްލެޓް ބަލައިލުމުގެ ފުރުޞަތު ދިނުމަށް އެދި ގިނަ ބަޔަކު ހުށައެޅުމުންނެވެ. އަދި 4 ދަންފަޅިއަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާއަތްކޮށް ގިނަ އަދަދެއްގެ މީހުން އެއްވަގުތެއްގައި ނުގެން ދިއުމަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހިޔާ ފްލެޓްތައް ދައްކާލުމަށް ނިންމާފައިވާއިރު އަންނަމަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.