ޚަބަރު

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފްލެޓް އަޅަން 5 ޕްރޮޕޯޒަލްއެއް


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސޯޝަލް އަދި މެދު ފަންތީގެ ހައުސިން ޔުނިޓްތައް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުން ފަސް ޕްރޮޕޯޒަލް އެއް އަންނަ މަހުގެތެރޭގައި ހައުސިން މިނިސްޓްރީއަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. ހައުސިންގ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ޖުމްލަ 12 ފަރާތަކުން ވަނީ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގުމަށް މިހާރު އިއުލާން ކޮށްފައިވާ ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ މަޝްރޫއުގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި އިމާރާތްކުރަނީ 7،120 ހައުސިން ޔުނިޓެވެ.އަދި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި އިމާރާތް ކުރަނީ، 3،000 ހައުސިން ޔުނިޓެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވީގައި ހިންގާ ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދިހަހާސް އެއްސަތޭކެ ވިހި (10120) ފްލެޓް އިމާރާތް ކުރުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، އެ ކުންފުނިތަކުން މިނިސްޓްރީއާ ބައްދަލުވެސް ކޮށްފައިވާ ކަމަށެވެ. ހައުސިން ޔުނިޓްތައް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ކުރި ކުންފުނިތަކުގެ ތެރޭގައި ޗައިނާ، ތުރުކީ، ސްރިލަންކާ. މެލޭޝިއާ، އިންޑިއާ، އަދި ރާއްޖޭގެ ކުންފުނިތައްވެސް ހިމެނޭއެވެ. ފާއިޒް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މެދުފަންތީގެ ތިންހާސް (3000) ހައުސިން ޔުނިޓް ތަކުގެ ތެރެއިން ފަސްސަތޭކަ (500) ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާ ހަވާލު ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ ހައުސިން މަޝްރޫއުގެ އާރު.އެފް.ޕީ ގައިވާ ގޮތުން ސޯޝަލް ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 57- 85 ދެމެދު އަކަމީޓަރެވެ. މެދު ފަންތީގެ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 80-90 ދެމެދު އަކަމީޓަރެވެ. ހައުސިން މިނިސްޓްރީން ބުނީ މަޝްރޫއު ކުރިޔަށް ގެންދަނީ ޖެހޭނީ ޑިވެލޮޕާގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި، ސޮއިކުރާތާ ދެ އަހަރުގެ ތެރޭގައި 500 ހައުސިން ޔުނިޓް ނިންމަން ޖެހޭ ކަމަށެވެ. އެ އާރު.އެފް.ޕީގައިވާ ގޮތުން 50 އަހަރު ދުވަހުގެ މުއްދަތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ބިން ދޫކުރަނީ ހިލެއެވެ. އަދި އެތަނުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ސަރުކާރުން ގަންނާނީ އިމާރާތްކުރި ފަރާތުގެ ހަރަދު އަނބުރާ ލިބޭ ގޮތަށް ދެ ފަރާތް އެއްބަސްވާ އަގެއްގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާފައިވާ މިނިސްޓީރިއަލް ކޮމިޓީއަކުންނެވެ.