ދުނިޔެ

ތުރުކީވިލާތާއި ރަޝިޔާގެ ކޯޅުން


ރަޝިޔާއިން ސޫރިޔާގައި ހިންގަމުންގެންދާ އަސްކަރީ ހަރަކާތުގައި ބޭނުންކުރަމުންދިޔަ އަސްކަރީ ވައިގެ ސިފައިންގެ އުޅަނދެއް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ވައްޓާލުމާއި ގުޅިގެން ރަޝިޔާއާ ތުރުކީވިލާތާ ދެމެދު އޮތް ގުޅުން ދަނީ ހީނަރުވަމުންނެވެ. މިހާދިސާއާ ގުޅިގެން ދެޤައުމު ދޭތެރޭ ކުރިމަތިވި ނުތަނަވަސްކަމަށްފަހު، ތުރުކީވިލާތުގެ އަމަލުތަކަކީ ގަސްތުގައި ދެޤައުމުގެ ގުޅުމަށް ހުރަސްއެޅުމަށް ކުރާކަންތައްތަކެއް ކަމަށް ދެކޭ ކަމަށްވެސް ރަޝިޔާގެ ރައީސް ވްލާޑިމީރު ޕޫޓިން ވިދާޅުވެފައިވެއެވެ. ސޫރިޔާގައި 2011 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ވަނީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް، ޓެރަރިސްޓު ޖަމާޢަތްތަކުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުން މިންޖުކުރުމަށް ކުރާ މަސައްކަތެއްގެ ނަމުގައެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ފަރާތުން އެމެރިކާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން އެޤައުމު ރައްކާތެރި ކުރުމަށް ކަމަށް ބުނެ، އެމެރިކާގެ އިސްނެގުމާއެކު މިކަމުގައި ސޫރިޔާގައި ހަރަކާތްތެރިވާ މި ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަރަކާތްތެރިވުމަށް ކޯލިޝަން ފައުޖެއް އުފައްދައި، ކޯލިޝަންގައި ބައިވެރިވި ބަޙުރައިން، ޢުރުދުން، ޤަތަރު، އެކުވެރި އަރަބި އިމާރާތް އަދި ސައުދީ އަރަބިއްޔާއިން މި ކޯލިޝަނަށް ދޫކުރި ސިފައިންނާއެކު ސޫރިޔާއަށް ޙަމަލާތައްދޭން ފެށުނެވެ. މިކޯލިޝަންގައި ފުރަތަމަ ނުހިމެނުނު ނަމަވެސް ތުރުކީވިލާތުން، އެމެރިކާ އިސްވެ އޮވެ އައިއެސް ޖަމާޢަތާއި ދެކޮޅަށް ފެށި ހަނގުރާމައިގައި އުފެއްދި ކޯލިޝަން ފައުޖުތަކާއި ފަހުން ގުޅުފައިވެއެވެ.ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ މިސްރާބުތަކަށް އެމެރިކާ އިސްވެ އޮވެ އުފެއްދި ކޯލިޝަނުން ދޭ ވައިގެ ހަމަލާތަކުގައި ތުރުކީވިލާތުގެ ސިފައިންވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. އެމެރިކާ އިސްވެ އޮވެ އުފެއްދި ކޯލިޝަން ފައުޖުތަކުން ސޫރިޔާގައި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދޭންފެށި ހަމަލާތަކަކީ ސޫރިޔާ ސަރުކާރުގެ ހުއްދަ ހޯދުމަކާއި ނުލައި ކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރު އެޤައުމުގައި ގަދަވަމުންދިއުމާއެކު ސޫރިޔާގެ ސަރުކާރުން މިކަމުގައި ރަޝިޔާގެ އެހީއަށް އެދިފައިވެއެވެ. މިގޮތުން ސޫރިޔާގެ ރައީސް ބައްޝަރުލް އަސަދުގެ ސަރުކާރުގެ އެދުމާއެކު ރަޝިޔާއިން ސޫރިޔާގެ އެކި ސަރަހައްދުތަކުގައި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާއި މިނޫނަސް ސޫރިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުގެ މިސްރާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދަނީ ދެމުންނެވެ.އެމެރިކާއާއި، އެޤައުމުގެ އިސްނެގުމަށް ސޫރިޔާއަށް ހަމަލާދޭން އެއްބައިވި ޤައުމުތައް ގުޅިގެން އުފެއްދި ކޯލިޝަން ފައުޖަށް ޙާސިލްނުކުރެވުނު ނަތީޖާ، ދެތިން ހަފްތާ ތެރޭ ރަޝިޔާއިން ނެރެފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ. މިގޮތުން ރަޝިޔާއިން ވައިގެމަގުން ދިން ވަރުގަދަ ހަމަލާތަކާއެކު ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަހައްދުތަކެއް އަނބުރައި ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދެވިފައިވެއެވެ. ސޫރިޔާގެ މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުގައި ސޫރިޔާގެ ރައީސް ބައްޝަރުލް އަސަދުގެ ދައުރެއް އޮތް ކަމަށް ނުފެންނައިރު، ރައީސް ބައްޝަރުލް އަސަދަކީ އެމެރިކާއިން އަބަދުވެސް މާ ގަޔާވާ ލީޑަރެއް ކަމަކަށް ނުފެނެއެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ވަނުމުންވެސް އެމެރިކާއިން ދިޔައީ ނުސީދާ ގޮތުން ރައީސް ބައްޝަރުލް އަސަދާއި ރަޝިޔާއާ ދެމެދު ގުޅުން ރަނގަޅުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.ތުރުކީވިލާތާއި ރަޝިޔާގެ މެދުގައި ކޯޅުންތަކެއް ހިނގަމުންދާ މިދަނޑިވަޅުގައި ރަޝިޔާއިން އެމެރިކާއަށްވެސް ނުސީދާ ތުހުމަތުތަކެއް ކޮށްފައިވެއެވެ. މިގޮތުން ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އެޤައުމުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ފަހަތުގައި، އެޖަމާޢަތްތަކަށް ފަންޑުކުރާ ފަރާތްތަކެއް ވާނެކަމަށާއި ހަނގުރާމަވެރި ޖަމާޢަތްތަކަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ލިބިމުގެ އިންތިޒާމު ހަމަޖެއްސުމަށް އެޖަމާޢަތްތަކުން ސޫރިޔާގެ ތެލުން ކުރާ ވަގު ވިޔަފާރިން ފައިސާ ހޯދާކަމަށް ބުނެފައިވެއެވެ. ރަޝިޔާއިން ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަނުމަށްފަހު، ސޫރިޔާގެ ހަނގުރާމައިގައި ހަރަކާތްތެރިވާ އެޤައުމުގެ ސިފައިން މެދުވެރިކޮށް ހޯދި ޖާސޫސީ މަޢުލޫމާތުތަކުން، ސިނާޢީ ފެންވަރުގައި ސޫރިޔާގެ ތެލުން ހަނގުރާމަވެރި ޖަމާޢަތްތައް ފައިސާ ހޯދާކަން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސޫރިޔާގެ ސަރަހައްދުތަކުން ފުޅާދާއިރާއެއްގައި ސަރަހައްދީ އިން ހުރަސްކޮށް ތެޔޮ ބޭރުކުރަމުންދާކަން ހާމަކޮށްފައިވެއެވެ. ރަޝިޔާއިން ބުނީ މިއީ އެޤައުމުގެ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ އުޅަނދު ފަހަރު ސޫރިޔާ މަތިން ދަތުރުކުރާއިރު، ޖާސޫސީ އިދާރާތަކަށް ފަސޭހައިން ލިބިފައިވާ މަޢުލޫމާތުތަކެއް ކަމަށެވެ. އަދި އެމެރިކާއާއި ގުޅިފައިވާ ކޯލިޝަން ފައުޖުތަކަށް މިކަން އެނގޭނެ ކަމަށާއި މިކަމުގައި އެމެރިކާއިން ފިޔަވަޅެއް އަޅާފައިނުވުމަކީ އެމެރިކާއިން ސޫރިޔާގެ ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުމާމެދު ސުވާލު އުފައްދަން ޖާގަލިބޭ ކަމެއް ކަމަށެވެ.މިކަމާއި ގުޅިގެން ރަޝިޔާގެ ރައީސް ވްލާޑިމީރު ޕޫޓިން ވިދާޅުވީ ޓެރަރިސްޓު ޖަމާޢަތްތަކުން ތެޔޮ ގަތުމަކީ އދ. ގެ ޚާއްޞަ ޤަރާރުތަކުން މަނާކޮށްފައިވާ ކަމެއް ކަމަށާއި، އެފަދަ ޖަމާޢަތްތަކުން ވިއްކާ ތެލުން ލިބޭ އާމްދަނީ ޚަރަދުކުރާނީ އެޖަމާޢަތްތައް އިތުރަށް ފުޅާވުމަށް ހަތިޔާރާއި އެހެނިހެން ސާމާނު ހޯދުމަށް ކަމަށެވެ. އަދި މިކަން އެންމެ ފަސޭހައިން ތަޙުޤީގުކުރެވޭނީ ތުރުކީވިލާތަށް ކަމަށާއި މިކަމުގެ އެއްވެސް މަޢުލޫމާތެއް ތުރުކީވިލާތަށް ލިބިފައި ނެތްނަމަ، މިކަން ހޯދާބެލުމަށް ތުރުކީވިލާތަށް ގޮވާލާކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ.ރަޝިޔާގެ އަސްކަރިއްޔާގެ ފައިޓަރޖެޓް އުޅަނދަށް ހަމަލާދީ ވައްޓާލި މައްސަލައިގައި، ތުރުކީވިލާތާއި ރަޝިޔާއާ ދެމެދު އޮތް ނުތަނަވަސްކަމާއެކުވެސް، ރަޝިޔާއިން ސޫރިޔާއަށް ދެމުންދާ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބޭރު ދުނިޔޭގެ ޚަބަރުތައް ބުނެއެވެ. މިގޮތުން ރަޝިޔާއިން އިއްޔެ ސޫރިޔާގެ ހުޅަނގު އުތުރުގެ އަރީޚާއަށް ދިން ކަމަށްބުނާ ހަމަލާގައި މަދުވެގެން 30 މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނާއިރު، މި ހަމަލާ ދީފައިވަނީ އަރީޚާގައި އާއްމުން ދިރިއުޅޭ ހިސާބެއްގައިވާ މާރުކޭޓަކަށް ކަމަށް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ.މިހުރިހާ ކަމެއްގެ ތެރޭގައި ސޫރިޔާގެ މައްސަލައަށް އެދެވޭ ހައްލެއް ލިބެމުންދާ ކަމަށް ބެލެވޭކަށް ނެތެވެ. ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަމުންދާ މުހާޖިރުންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށްދާއިރު، މިމައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.