ޚަބަރު

މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަނީ


ރަސްމީ ތަޢުލީމެއް ނެތި ވަޒީފާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ނިޒާމެއް އިފްތިތާޙްކޮށްފިއެވެ. ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލްއެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ރަސްމީ ތަޢުލީމެއް ނެތި ވަޒީފާގެ ބާޒާރުގައި ވަރަށް ގިނަ މީހުން މަސައްކަތް ކުރަމުން އަންނަކަމަށާއި މި ޕްރޮގްރާމަކީ އެފަދަ މީހުންގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަތުމަށް އިފްތިތާހްކޮށްފައިވާ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ރަސްމީ ތަޢުލީމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ މީހުން އެމީހުންގެ ހުނަރުތައް ހުރިތޯ ބަލައި، އިމްތިހާން ހެދުމާއި، ސެޓްފިކެޓް ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހުން އެބަތިބި. ރަސްމީ ތައުލީމުގެ ތެރެއަށް ވަދެވުމުގެ ފުރުޞަތު އެމީހުންގެ ގައިގައި ނެތްނަމަވެސް މިހާރު ރަސްމީ ތަޢުލީމުގެ ތެރެއަށް ވަނުމުގެ ފުރުޞަތުގެ ތެރެއިން ޤައުމީ ސަނަދެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ. މިއީ ވަޒީފާގެ ކުރިއެރުމަށްވެސް މުހިންމު ސަނަދެއް."މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މަޢުސޫމް ދެއްކެވި ވާހަކަފުޅުގައިވަނީ މި ޕްރޮގްރާމަކީ ވަޒީފާގެ ބާޒާރަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުހިއްމު ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހުނަރުވެރި އެތަކެއް ޒުވާނުންތަކެއް މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރަސްމީ ތަޢުލީމެއް ނެތުމުގެ ސަބަބުން ކުރިއަށްދާން ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

"މި ޕްރޮގްރަމްގެ ދަށުން ވަކި ޓެސްޓްތަކެއް ހެދުމަށްފަހު ސަނަދެއް ލިބޭނެ. އުއްމީދަކީ ދިވެހި ޒުވާނުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އިތުރު ހަރުފަތްތަކަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް." މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދޭ ސެޓްފިކެޓަކީ އެމްއެންކިއުއޭ ޤަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ ވަކި އުމުރެއް އަދި ޖިންސަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ވަޒީފާއެއްގައި މެދުނުކެނޑި 5 އަހަރުދުވަސްވަންދެން މަސައްކަތްކޮށްފައިވާ މީހުންނަށް އިމްތިހާންގައި ބައިވެރިވެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.