ތިމާވެށި

މޫސުމީ ބަދަލުތަކާ ދެކޮޅަށް ޓެކްނޮލޮޖީގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ހައްލުތަކެއް ގެންނަންޖެހޭ: ޝައުނާ


މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށްކުރާ އެކި ކަހަލަ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކާ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ވަޞީލަތްތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަނަމާ މިހެން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކާ ބަޔާންކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިރާސާކުރާ އެންމެ ތަޖުރިބާކާރު ސައިންޓިސްޓުން ހިމެނޭ، ބައިނަލްއަޤްވާމީ ޖަމިއްޔާ ކަމުގައިވާ، އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީން ނެރުނު ރިޕޯޓަކާގުޅިގެން ބައިނަލްއަޤްވާމީ ނިއުސް އެޖެންސީއެއްކަމަށްވާ ސީ.އެން.އެންއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. މި ރިޕޯޓުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް 10 އަހަރުތެރޭގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކުރަން މިހާރުން މިހާރަށް، އަވަސް ހައްލެއް ހޯދަން ޖެހޭކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މި ރިޕޯޓް ތައްޔާރުކުރުމުގައި ދުނިޔޭގެ 66 ޤައުމަކުން 234 ސައިންޓިސްޓުން މަސައްކަތްކޮށްފައިވެއެވެ.

އައި.ޕީ.ސީ.ސީން ނެރުނު ރިޕޯޓާގުޅޭގޮތުން ސީ.އެން.އެންއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެކަމުގެ ނުރައްކާ އޮތީކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަނި ނޫންކަމަށާއި، ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން އިޤްތިޞާދީ ހުރިހާ ސިނާޢަތްތަކަކަށްހެން މިކަމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ އެކިކަހަލަ ގެއްލުންތަކުގެ މައްޗަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އަހަރަކު %90 ރަށްތަކަށް އުދައެރުމާއި ފެންބޮޑުވުންފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށާއި، %97 ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށެވެ. އަދި %64 ރަށްތައް ވަރަށް ބޮޑަށް ގިރާލަމުންދާކަމަށާއި، އަދި ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްހެން ކުރިމަތިވެފައިވާ މައްސަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖޭގައި ރަށްރަށުގައި އިމާރަތްކޮށްފައިވާ ގޯތި ގެދޮރުގެ ގާތްގަނޑަކަށް %50 އަކީ މޫދާއި ގާތްގަނޑަކަށް 100 މީޓަރެއްހާ ކައިރީގައި އިމާރާތްކުރެވިފައިވާ ތަންތަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވަނީ މޫސުމީ ބަދަލުތަކާދެކޮޅަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުން އަރައިގަތުމަށް މާލީގޮތުން ހުރި ދަތިތައް ނައްތާލާ، ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓާ ރައްޓެހި އަވަސް ހައްލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

"މާލީ އެހީތެރިކަން ހޯދުމުގައި މި ހުރި ދަތިތައް ނައްތާލެވެން އެބަޖެހޭ. ޓެކްނޮލޮޖީގެ އައު ގޮތްތައް ހޯދަން އެބަޖެހޭ. ތަރައްޤީވެފައިވާ ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިފަދަ އިޖާދީ އުފެއްދުންތައް ތަޢާރަފުވާންޖެހޭ. ދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި މިހާރަށްވުރެ ރަނގަޅުގޮތްތަކެއް ހޯދަން އެބަޖެހޭ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް، އިޤްތިޞާދު މި މިސްރާބަށް ގެންދިއުމަށް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އައި.ޕީ.ސީ.ސީގެ ރިޕޯޓުގައި ވަނީ ސިނާއީ އިންޤިލާބުން ފެށިގެން މިއަދާ ހަމައަށްވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވަމުން އަންނަކަމަށާއި، އަދި މިވަގުތު ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ހުރީ ގާތްގަޑަކަށް އަހަރަކު 40 ގިގަ ޓަނުގައިކަން ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު މިވަރަށް ޖައްވަށް ވިހަ ގޭސް ބޭރުކުރެވޭނަމަ، ކުރިއަށް އޮތްތަނުގައި 1.5 ޑިގްރީއަށް ވުރެ މައްޗަށް ދުނިޔޭގެ ފިނިހޫނުމިން އަރައިގެންދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މޫސުމީ ނިޒާމު އާދަޔާހިލާފަށް ބަދަލުވެ، ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެ، ފެނަށް ޖެހުން އިތުރުވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއިއެކު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ޤަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރުވެސް އިތުރުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައި ވީނަމަވެސް، މިވަގުތުގެ އަންދާޒާތަކުން، މިފަދަ ކާރިސާތައް މި ޤަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ރިޕޯޓަކީ އައި.ޕީ.ސީ.ސީގެ 6 ވަނަ އެސެސްމަންޓަށް، އެއް ވަނަ ވޯރކިން ގްރޫޕްގެ ނިންމުންއްތައް ބަޔާންކޮށް ހުށައަޅާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގެ މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނިމި ދިޔަ އަހަރުތަކުގައާއި، މިހާރު އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރު ހޯދާ ދިރާސާކުރުމެވެ. މި ރިޕޯޓްވަނީ މިދިޔަ ހުކުރު ދުވަހު، ދުނިޔޭގެ 196 ޤައުމަކުން ބަލައިގަނެފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން މި ރިޕޯޓްއާއި ބެހޭ ބަހުސްތައް މިއަހަރު ހިނގާފައިވަނީ 26 ޖުލައި އިން ފެށިގެން 2 ހަފްތާއަށް ދެމިގެން ދިޔަ އޮންލައިން ސެޝަންތަކެއްގައެވެ.