މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އެ ދާއިރާއިން ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ޑިޕްލޮމެޓުންނާއި، މަލްޓިލެޓެރަލް އެޖެންސީތަކުގެ ބޭފުޅުންނާ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވަކި ވަކީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން މާލޭގައި ބާއްވާފައިވާ މި ބައްދަލުކުރެއްވުންތަކުގައި، ޞަބްރާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ގޮވާލައްވާފައެވެ. އެކަމަނާ ވަނީ ނާޒުކު، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް މާލީގޮތުންނާއި އަދި ފަންނީ ގޮތުން އެެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް ޞަބްރާ ވަނީ ރާއްޖޭގައި އިރުގެ އަލިން އިޢާދަކުރަނިވި ޙަކަތަ އުފައްދާ ނިޒާމުތަކަށް އިންވެސްޓުކުރުމަށާއި، 2030 ވަނަ އަހަރާއި ހަމަޔަށް ރާއްޖެއިން ދޫކުރާ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި، ޞަބްރާ ވަނީ ތިމާވެށީގެ ގޮތުން ހޫނުވަމުން އަންނަ ދުނިޔެއަކާއި ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރުވުމުގައި ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއާއި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރު ހިމެނެއެވެ. އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަންއާއި، ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި، ޖަޕަނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ރެޕްރެޒެންޓެޓިވްއާއި، ޗައިނާގެ ޗާޖް ޑި އެފެއާޒް، ޔޫ ޒޫޔޮންގްއާއި، ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވެރާ ހަކީމާވެސް އެކަމަނާ ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޤައުމުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ލާމަރުކަޒީ އުޞޫލުން ކަންކަން ހިނގަމުންދާއިރު މީހުންގެ ކިބައިގައި އެކަމަށް ބޭނުންވާ ހުނަރު އިތުރުކުރުން ހިމެނެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، ތިމާވެއްޓަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ފަށާފައިވާ ޕްރޮގްރާމްތަކާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
ހަމައެހެންމެ އިޢާދަކުރަނިވި ޙަކަތަ އިތުރުކުރުމާއި، ތިމާވެއްޓާ ރަށްޓެހި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް އެކަމަނާ ވަނީ މަޝްވަރާކުރައްވާފައެވެ.
ކްލައިމެޓް އެމަރޖެންސީގެ ޙާލަތަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ވުޖޫދަށް ނުހަނު ބޮޑު ނުރައްކާތެރިކަމެއް މިވަނީ ކުރިމަތިވެފައެވެ. މިދިޔަ ހޯމަ ދުވަހު އ.ދ. ގެ އިންޓަރގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްއިން ނެރުނު ރިޕޯޓުގައިވާގޮތުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ބައްރަކަށްވެސް އެބައޮތެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސްގައި ހިފެހެއްޓުމަށް ކާބަން ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަންޖެހޭކަންވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.