ޚަބަރު

ކްރިއޭޓިވް އާޓް ފޮތް ތައްޔާރުކޮށްފައި ވަނީ ގްރޫޕް މަސައްކަތަށް


ގްރޭޑު އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާރޓް ފޮތް ތައްޔާރުކޮށްފައިވަނީ ކޮންމެ 5 ދަރިވަރުންގެ ޤުރޫޕަކަށްކަމަށް އެޑިއުކޭޗަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތް ލިސްޓުގައި އެ ފޮތް ހިމަނާ ކޮންމެ ކުއްޖަކަށް ފޮތެއް ދިނުމަށް ފަހު، އެ ފޮތްތައް އަނބުރާ ނަގަން އެޑިއުކޭޝަން މިނިސްޓްރީން އެންގިއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ކޮންމެ ފަސް ދަރިވަރަކަށް ކްރިއޭޓް އާޓްގެ އެއް ފޮތް ދޭން ނިންމާފައި ވަނީ އެ ފޮތަކީ ފަސް ދަރިވަރުންގެ ގްރޫޕަކުން ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައިވާ، ސައިޒުގެ ގޮތުން ވެސް ބޮޑު ހާއްސަ ރިފަރެންސް ފޮތަކަށް ވާތީ ކަމަށެވެ.

އަދި އެ މާއްދާއަށް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށާއި ކިޔަވައިދޭނީ މުދައްރިސުން ބޭނުންކުރަން ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި ފަސް ކުދިންގެ ގްރޫޕަކަށް ދޭން ކަނޑައަޅާފައިވާ ރިފަރެންސް ފޮތެއް ބޭނުންކޮށްގެންކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ އެ މާއްދާއަކީ އެހެން މާއްދާތަކާ ޚިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ މި އަހަރުގެ ދިރާސީ އަހަރުގައި ގްރޭޑު އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ދަރިވަރުންގެ ޚާއްސަ ފޮތެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި މި ފޮތްތައް ހުންނަން ވާނީ ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށާއި ސްކޫލުތަކަށް ބޭނުންވާ ވަރަށް ނެގުމަށްފަހު އިތުރުވާ ފޮތްތައް ރައްކާތެރިކުރުމަށް ވަނީ އަންގާފައެވެ. އެއާއެކު ކުރިއަށް އޮތް ދެ އަހަރު މި ފޮތްތައް އިތުރަށް ޗާޕުނުކޮށް ވާނެ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.