ދަނޑުވެރިކަމުން އެކަށީގެންވާ ނަފާ ރަށަށް ނުލިބޭ ކަމަށް ކ. ކާށިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވީ، ބާރުގަދަ ކެމިކަލް ތަކުގެ ސަބަބުން ރަށުގެ ފަސްގަނޑު ހަލާކުވެފައިވާ ކަމަށެވެ. ޒަމާނުއްސުރެ ދަނޑުވެރިކަމުން ނަފާ ހޯދަމުން އަންނަ ކ.ކާށިދޫގެ ދަނޑުތަކަށް ބަލާލުމުން މިހާރު ފެންނަންހުރީ މުޅިން ތަފާތު މަންޒަރެކެވެ. ގިނަ ދަނޑުތައް ހުސްކޮށް ހުރިއިރު، ގިނަ މިރުސް ދަނޑުތަކުގެ ގަސްތައްވެސް ވަނީ ހަލާކުވެފައެވެ.ޕީއެސްއެމްއާ ވާހަކަދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވީ، މިކަމުގެ ސަބަބުން ދަނޑުވެރިކަމުން ހައްދާ ތަކެތިން ހަމަ އަގު މިހާރު ދަނޑުވެރިންނަށް ނުލިބޭ ކަަމަށެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ބާރުގަދަ ކެމިކަލްތައް ބޭނުންކުރަންވީ ރަނގަޅުގޮތް ނޭގި، ދަނޑުވެރިން އެފަދަ ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން ރަށުގެ ފަސްގަނޑު މުޅިން ހަލާކުވެފައިވާކަން ފާހަގަ ކުރައްވަމުން އީސާ ޚަލީލް ވިދާޅުވީ، ވަކި މިނެއް ބެލުމެއްނެތި، ފަސްގަނޑަށް ބާރުގަދަ ކެމިކަލް އެޅުމުގެ ސަބަބުން ގަސްތައް ފަޅާއިރުވެސް ގަސްތަކަށް ހުންނަނީ ނުރައްކާތެރި ބަލި ޖެހިފައި ކަމަށެވެ.ރަށުގެ އާބާދީގެ ބޮޑުބައެއް ދަނޑުވެރިކަން ކުރާއިރު، ގަސްކާނާ އަޅާނެ ގޮތާއި، ފަސްގަނޑުގައި ކެމިކަލްގެ އަސަރު ހުރިވަރު ދެނެގަތުމަށް ތަޙްލީލުތައް ހެދޭނެ ގޮތެއް ނެތްކަަމަށްވެސް އީސާ ޚަލީލް ވިދާޅުވިއެވެ. އަދި ރަށުގައި ދަނޑުވެރިކަމުން އުފައްދާ ތަކެތި މާލެ ގެނެސްގެން ވިއްކާއިރު، ތަކެއްޗަށް ހަމަ އަގު ނުލިބޭ ކަމަށާއި، ބޭހާއި އެހެނިހެން ސާމާނު ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުކަންވެސް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި އުފައްދާ ތަކެތި ސީދާ ރިޒޯޓަށް ސަޕްލައި ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަ ނަމަވެސް ދަނޑުވެރިންނަށް ފައިދާވާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.ދަނޑުވެރިކަމަށް ކާށިދޫގެ ދަނޑުވެރިން ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކައުންސިލުން މިހާރުދަނީ ދަނޑުވެރިންނަށް ފަސޭހަކުރުމުގެގޮތުން "ގްރީން ހައުސް" ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި ވާހަކަދައްކަވަމުންނެވެ.ކަށިދޫގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ދަނޑުވެރިކަން ކުރުމަށް 10 ހާސް އަކަފޫޓުގެ ބިމެއް ދޫކުރެއެވެ.