ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ. މިއީ ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ 46 ސްކޮލަރޝިޕް ފުރުސަތެވެ.
މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުކުރުމުގެ ގޮތުން ސްކޮލަރޝިޕްތަކެއް އިޢުލާން ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރައްވާފައިވަނީ ،ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައެވެ. މިއަހަރު މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މިދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިދާއިރާއަކީ ތަމްރީންވެފައިވާ މީހުން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށްވުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައެވެ. އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މީހުން ތަމްރީންކުރުމުގެ ބޭނުމުގައެވެ.
މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 4 ފުރުޞަތު
މާސްޓަރސް އިން ކްލަނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 2 ފުރުޞަތު
މާސްޓަރސް އިން ސައިކިއޭޓްރީ - 2 ފުރުޞަތު
މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމަންޓް - 5 ފުރުޞަތު
މާސްޓަރސް އިން ނާރސިން - 5 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 6 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން - 7 ފުރުޞަތު
މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 2 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 1 ފުރުޞަތު
މާސްޓަރސިން އިން ލާރނިން ޑިސްއެބިލިޓީސް - 8 ފުރުޞަތު
މި ސްކޮލަރޝިޕްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވާ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށާއި މިފަހަރު ހުޅުވާލި މެންޓަލް ހެލްތުގެ ދާއިރާއިން ކިޔެވުމުގެ ސޮކޮލަރޝިޕްތަކާއި އެހެން ސްކޮލަރޝިޕްތަކާ ތަފާތުތަކެއް ހުންނާނެކަމަށެވެ. އެގޮތުން މި ސްކީމުން ދަރިވަރުން ކިޔަވަންދާ ޔުނިވަރސިޓީއާއި ކޯސް އިޚްތިޔާރުކުރާނީ ދަރިވަރުން އަމިއްލައަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު އިޢުލާންކޮށްފައިވާ 16 ޤައުމެއްގެ ޔުނިވަރސިޓީން ކިޔެވުމުގެ އިޚްތިޔާރު ދަރިވަރުންނަށް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މެންޓަލް ދާއިރާގެ ދިވެހިންނަށް މިހާރު ލިބޭ ޚިދުމަތްތައް ފުޅާކުރެވޭނީ ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީން ވެގެންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފއެވެ.
"އަޅުގަނޑުމެން އިޢުލާން ކޮށްފައިވާނެ ކިޔަވަންދެވޭނެ 16 ޤައުމެއް. އެ ޤައުމުތަކުގައި ހުރި ޔުނިވަރސިޓީ ތަކުން ކިޔެވުމަށް ދަރިވަރުން ޚިޔާރު ކުރުމުގެ ފުރުޞަތު އޮންނާނެ. އުއްމީދަކީ މި ސްކޮލަރޝިޕް ސްކީމްއަށް ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތި ލުން. ސަބަބަކީ މެންޓަލް ހެލްތުގެ ދާއިރާއިން ދިވެހިންނަށް މިހާރު ލިބެމުން އަންނަ ޚިދުމަތްތައް މިއަށްވުރެ ރަނގަޅަށް، އަވަހަށް ފޯރުކޮށްދިނުން. މިކަން ކުރެވޭނީ ދިވެހިން ތަމްރީން ކޮށްގެން."މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ،. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓަރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވާންޖެހޭނެ ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ކޮންމެ މުއައްސަސާއަކަށް ކޮންމެ ދާއިރާއަކުން ކަނޑައަޅާފައިވާ ސްކޮލަރޝިޕްތަކަށް އެދޭ ދަރިވަރުންގެ ތެރެއިން އެ ކަނޑައެޅިފައިވާ އަދަދަށް ދަރިވަރުން ނޮމިނޭޓްކުރާނީ ޝަރުތުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދަރިވަރުން ކޯހަށް ހޮވޭތާ ގިނަވެގެން 6 މަސްދުވަހުގެތެރޭގައި، އެ ކޯހުގައި ކިޔަވަން ފަށަން ވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.