ޚަބަރު

ސޯސަންވިލާގައި ދިވެހި ބަހުގެ ޚާއްސަ ކްލާސްތަކެއް


މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ)، ސޯސަންވިލާ،ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދިވެހި ބަހަށް ނުފަރިތަ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތި ކުރުމުގެ ގޮތުން އެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްސަ ކްލާސްތަކެއް ސޯސަންވިލާގައި ފަށައިފިއެވެ.

"ކޮންމެ ކުއްޖަކީ ލިޔަން ކިޔަން ދަންނަ ކުއްޖެއް" މި ނަމުގައި ސޯސަންވިލާގައި ފެށި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެން، ދަރިވަރުން ދިވެހި ބަހަށް ޝައުގުވެރިވާ ފަދަ ޙަރަކާތަކާއެކުކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

މިވަގުތު ޒޫމް މެދުވެރިކޮށް ކުރިޔަށްދާ މި ކްލާސްތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. ކްލާސްތައް ހަފްތާއަކު ދެ ދުވަހު ކުރިޔަށްދާއިރު، ދަރިވަރުންނަށް އަންނަ ކުރިއެރުންތައް ކޮންމެ މަހަކު އެއްފަހަރު ސޯސަންވިލާގެ މުދައްރިސުން ބެލެނިވެރިންނާ ޙިއްސާ ކުރަމުންވެސް ދާނެއެވެ.

ސޯސަންވިލާގައި ދިވެހިބަހުގެ އިތުރުން ކިޔަވައިދެނީ އިސްލާމް އަދި ޤުރުއާން މާއްދާވެސް ކިޔަވައިދެއެވެ.