ދުނިޔެ

ތިމާވެށީގެ މަޝްވަރާތަކަށް މެސެޖެއްދޭން އެއިފެލް ޓަވަރ ދިއްލާލުން


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި އދ. ގެ މޫސުމާއި ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުން އެކުލަވާލުމަށް ކަނޑައެޅި މުޙުލަތު އިއްޔެ ހަމަވެފައިވާއިރު، ރޭ މިވަނީ ޕެރިހުގައި ހުންނަ އައިފަލް ޓަވަރު, ދުނިޔޭގެ ޤައުމުތަކުން މިއެއްބަސްވުން ކޮޅެއްގައި ޖެއްސުމަށް ހިއްވަރުދިނުމުގެ ގޮތުން މެސެޖަކާއެކު ދިއްލާލާފައެވެ.11 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދަން ރާވައިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މިބައްދަލުވުމުގެ މުޙުލަތު ހަމަވެފައިވާއިރު، ޤައުމުތަކުގެ މެދުގައި އެއްބަސްވެވޭ ދެލިކޮޕީއެއް އެކުލަވާލެވިފައިނުވުމުން މިބައްދަލުވުން ރޭވި ފަރާތުން ވަނީ މިކަމުގައި އެއްބަސްވުމަކަށް އައުމުގެ އުއްމީދުއޮތުމާއެކު މި ބައްދަލުވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން، މިބައްދަލުވުން މިއަހަރު އިންތިޒާމުކޮށް ބާއްވާ ޤައުމުކަމަށްވާ ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު އަދި މިބައްދަލުވުން ޗެއަރ ކުރައްވާ ލޯރަންޓް ފެބިއަސް ވިދާޅުވީ މިބައްދަލުވުމުގައި އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. މިކަމާއި ބެހޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވީ މި މަޝްވަރާތަކަކީ މިހާތަނަށް މިމައްސަލައިގައި ކުރެވޭ އެންމެ އުނދަގޫ މަސައްކަތް ކަމަށާއި މުޅި އިންސާނިއްޔަތަށްވެސް އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ.މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމުގެ ވިސްނުމުގައި ޤައުމުތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ ކޮންފަރެންސް އޮފް ޕާރޓީސް - ކޮޕްގެ މި މަޝްވަރާތަކަކީ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވާ ތިމާވެއްޓާއި ބެހޭ މިފަދަ އެންމެ ބޮޑު ބައްދަލުވުންކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން މިއަހަރު ޕެރިހުގައި މި ބާއްވާ ބައްދަލުވުމުގެ ނިމުމަކާއި ގާތްވެފައިވާއިރު، ޤައުމުތަކުގެ މެދުގައި ވަށާޖެހޭ، އަދި އަމަލްކުރުން ޤާނޫނީ ގޮތުން ލާޒިމްކުރާ އެއްބަސްވުމަކަށް އައުމަށް ޤައުމުތަކުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއަހަރު ބާއްވާ ކޮޕްގެ 21 ވަނަ ބައްދަލުވުން ޙާއްސަވާ އެއްކަމަކީ ބައްދަލުވުން ފެށުމުގެ ކުރިޔަށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލްތައް ކުޑަކުރުމަށް އަމާޒުކޮށް ޤައުމުތަކުން އެކުލަވާލި ޕްލޭންތައް ކުރިޔާލައި ޙިއްސާކުރުމުގެ އިތުރުން ގިނަ އަދަދަކަށް ޖައްވަށް ވިހަ މާއްދާތައް ބޭރުކުރާ ކުރިއަރާފައިވާ ޤައުމުތަކުން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ޤަބޫލުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އަޒުމުގައި ވާހަކަތަކުގައި ބައިވެރިވެފައިވުމުންނެވެ. އެހެންނަމަވެސް  އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ކޮޕް ބައްދަލުވުމުގެ ނިމުމަކާއި ގާތްވިއިރުވެސް ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އަދި މިވަނީ ނާދެވިއެވެ.ކޮޕްގެ ބައްދަލުވުންތަކުގައި މީގެ ކުރީ އަހަރުތަކުގައިވެސް އެއްބަސްވުމަކާއި ހަމައަށް އައުމަށް ޤައުމުތަކުގެ މަންދޫބުންގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި މިދާއިރާގެ ތަޖުރިބާކާރުުންގެ އިތުރުން ސައިންސްވެރިންވެސް އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ފާހަގަކޮށްލަންޖެހޭ ކަމަކީ ބައްދަލުވުން ނިމުމަކާއި ގާތްވުމުން، އެފަރާތްތަކުން އިތުރު ހިތްވަރާއެކު، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް  ޤައުމުތަކުގެ ފަރާތުން ރަނގަޅު ނިންމުމަކަށް ދިއުމަށް ބާރުއަޅާކަމެވެ. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ޤައުމުތަކުގެ ދޯދިޔާ ނިންމުންތައް ބަދަލުކުރުމަށް ސަމާލުކަން ހޯދުމުގެ ގޮތުން ކޮޕް ބައްދަލުވުމުގެ ހަވާސާގައި އިތުރު ހަރަކާތްތައްވެސް ރާވާ ހިންގާކަން ފާހަގަކޮށްލަންޖެހެއެވެ.ޕެރިހުގައި މިހާރު ކުރިޔަށްދާ ކޮޕްގެ އެކާވީސް ވަނަ ބައްދަލުވުމާއި ދިމާކޮށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މި ބައްދަލުވުމުގެ ތެރެއިން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެފަދަ އުއްމީދީ އެއްބަސްވުމެއް އެކުލަވާލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މިގޮތުން މިއަހަރުގެ ބައްދަލުވުމާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހިނގާލުންތަކާއި މުޒާހަރާތަކުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ ވެރިންގެ ފެންވަރުގައި ތިމާވެއްޓަށްދޭ އަހައްމިއްޔަތު ބޮޑުކޮށް، މިބައްދަލުވުމުގައި އެކުލަވާލެވޭ އެއްބަސްވުމަކީ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބާރުއެޅޭފަދަ އެއްބަސްވުމަކަށް ހެދުން ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ. ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓްގައި މިފަދަ ވަށާޖެހޭ އެއްބަސްވުމަކަށް އައުމަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި 175 ޤައުމަކުން ހަ ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.