ތައުލީމީ ދާއިރާއަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރެއްވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ނަމުގައި އެންއައިއީ އުފެއްދެވީ 2012 ވަނަ އަހަރުއެވެ. އޭގެ ކުރިން ވަނީ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަން އަދި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ގޮތުގައި ހިންގަވައި އެތަނުންވަނީ ތަޢުލީމާއި ތަމްރީންގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެތައް މުދައްރިސުންނެއް އެތަނުން ވަނީ ތަމްރީންކޮށްފައެވެ. މީގެ އިތުރަށް މުޅި ތަޢުލީމީ ދާއިރާގެ މަންހަޖް ތައްޔާރުކުރުމުގެ އެތައް މަސައްކަތްތަކެއްވެސް އެތަނުން ވަނީ ކޮށްފައެވެ. މިއަދު އެ އިންސްޓިޓިއުޓަށް 45 އަހަރު ފުރުނު އިރު މިވީ ދިގު ތާރީޚްގައި ތަޢުލީމީ ދާއިރާއަށް ވަނީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އިންސްޓިޓިއުޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ އެ އިންސްޓިޓިއުޓުގެ ވަރކިން ޔުނިފޯމް އިފްތިތާހްކޮށްދެއްވާފައެވެ. އަދި އެ އިންސްޓިޓިއުޓުން ތައްޔާރުކޮށްފައިވާ ސަޕްލިމަންޓެއްވެސް މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ނެރެދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އިންސްޓިޓިއުޓާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ފެންވަރަށް އެންއައިއީ ތަރައްޤީކުރުމަކީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ އަމާޒެއްކަމަށާއި އެތަން އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި އެ އިންސްޓިޓިއުޓްގެ ރަންޔޫބީލް ފާހަގަކުރަންވާއިރަށް މިހާރަށްވުރެ ބޮޑަށް ވަޞީލަތްތައް ގިނަ ތަނަކަށް އެތަން ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
" ކޯވިޑްގެ ދަތިހާލަތުގައިވެސް އެންއައިއީން ވަރަށް މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފައި. ވޯރކް ފްރޮމް ހޯމްއިންވެސް ބޮޑު ޕްރެޝަރެއްގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި. ކޮންމެ ޤައުމެއްގައިވެސް ތަޢުލީމްގެ މިސްރާބު ވަކި ދިމާލަކަށް ގެންގޮސް ތަޢުލީމް ހާސިލްކުރާ ދަރިންގެ ކިބައިގައި ވަކި ކުލައެއް ޖައްސާ މުދައްރިސުން ކިޔަވައިދޭ ވައްޓަފާޅިއަށް ބަދަލުގެނެސް ބޮޑު ޒިންމާއެއް ހަވާލުވެފައިވާތަނެއް މިތަނަކީ" ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ހުސައިން ވިދާޅުވިއެވެ.
އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ ވޭތުވެދިޔަ 45 އަހަރުދުވަހުގެ ތެރޭގައި އެ އިންސްޓިޓިއުޓްގެ މަސައްކަތް ކުރަމުންދިޔައީ ވަރަށް އުނދަގުލާއެކުގައިކަމަށެވެ. ކުރިން މަސައްކަތް ކުރަމުން ދިޔަ އިމާރާތަކީ ދުވަސްވުމުގެ ސަބަބުން އެތަނުގައި ތިބެން އުނދަގޫވެ ސިއްޙީގޮތުންވެސް ތަކުލީފްތަކާ ކުރިމަތިލާން ޖެހުނު އިމާރާތެއްކަމަށެވެ.
އަޅުގަނޑުމެންގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ ފޮތްތަކަކީ އެންއައިއީގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ފޮތްތަކަކެވެ. ކޮންމެ އަހަރަކުވެސް މުދައްރިސުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މުދައްރިސުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް އެތަނުންވަނީ ހިންގާފައެވެ.
އެންއައިއީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އެ އިންސްޓިޓިއުޓަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ.