ޚަބަރު

އުނގޫފާރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި


ރ. އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން އެރަށު މަގުތަކުގައި ތާރުއަޅާ ނިންމާލައިފިއެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މުޅި މަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެމްޓީސީސީން ބުނީ މި މަސްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެންހިދުމަށް ޤާއިމްކުރާ ޖަންކްޝަންތައް ހެދުމުގެ މަސައްކަތާއި، މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތްކަމަށެވެ.

އުނގޫފާރުގެ 14 މަގެއްގައި 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވަނީ އޭބީސީ ފަށަލަލުމަށްފަހު ގިނަ ދުވަސްތަކަށް ދެމިގެންދާގެ ގޮތަށްކަމަށް އެމްޓީސީސީން ބުނެއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދިޔަ ގޮތާމެދު ހިތްހަމަޖެހޭކަމަށާއި، އުންމީދަކީ ލަސްތަކެއްނުވެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުންކަމަށެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ މި 14 މަގުގެ އިތުރުން އިތުރު 5 މަގެއް ތަރައްޤީކުރުމަށް ސަރުކާރުގައި އެދިފައިވާނެކަމަށާއި އެއީ ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގައި ސްކޫލް ދަރިވަރުން ސްކޫލަށް ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ މަގުތަކާ ބަނދަރު ސަރަރަހައްދުގައި އޮންނަ ބޮޑުމަގުކަމަށެވެ.

އުނގޫފާރު މަގުތައް ހެދުމުގެ މަސައްކަތް ފާށާފައިވަނީ މިއަހަރުގެ މާޗް މަހުގެ 28 ވަނަދުވަހުއެވެ. މި މަސްރޫއުއަށް 28.02 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރައްވައެވެ. އަދި އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރުތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.