ޚަބަރު

އަލިފާނުގެ ޙާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ނުދިއުމަށް އެޗްޕީއޭއިން އިލްމާސްކުރައްވައިފި


އަމީނީ މަގު ރެހެންދި ފްލެޓް ކައިރީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގިނަ ޢަދަދެއްގެ ދުން އަރަމުންދާތީ އެސަރަހައްދަށް ޢާންމުން ނުދިއުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު މެންދުރެއްހާއިރު ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެޗްޕީއޭއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ދުމުގެ އަސަރުކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް، ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަލިފާން ނިއްވުމަށް ސިފައިން ޙަރަކާތްތެރިވުމަށް އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއުއިން ދަނީ ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާރު އަލިފާން ގަނޑު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.