ޚަބަރު

100 ކިލޯގެ ޑްރަގް އޮޕަރޭޝަން: 8 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 8 މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 13ވަނަދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓާއި މެރިން ޕޮލިސް، ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ވާނީ އެދިފައެވެ. ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ 6 ދިވެއްސަކާއި، ބަންގްލަދޭޝް ދެމީހެއްގެއެވެ. މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނ.ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ) އާއި ގއ.ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ)އާއި ލ.ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ) 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ. ހދ.ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)އާއި ދ.ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ)އާއި ބަނގްލަދޭޝްގެ އެމްޑީ ރަފީޤުލްއިސްލާމް (35އ)އާއި ބަނގްލަދޭޝްގެ ޑީއެމް މޮބިން (24އ) ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ. އަދި، ގއ.ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މިމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.