ޚަބަރު

"އަޖައިބެއް ފަދަ ނޫކަން" މައުރަޒު ހުޅުވައިފި


"އަޖައިބެއްފަދަ ނޫކަން" ގެ ނަމުގައި، ޗައިނާ "ސިލްކް ރޯޑް" ވިޔަފާރީގެ ކަނޑުމަތީގެ ދަތުރުފަތުރުގެ ސަގާފަތް ދައްކުވައިދޭ މައުރެޒެއް ހުޅުވައިފިއެވެ.މި މަހުގެ 22 – 27އަށް ދާރުލްއާސާރުގައި ކުރިއަށްދާ މި މައުރަޒް ހުޅުއްވައިދެއްވީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއެވެ. މި މައުރަޒުގައި، އެންމެ އިހުޒަމާނުގައި ޗައިނާއިން ދަތުރުފަތުރު ކުރުމުގައި ގެންގުޅުނު އާލާތްތަކާއި، ބޯޓުތަކުގެ ނަމޫނާ ފެންނަން ހުރެއެވެ. އަދި  ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިވެގެން އައިގޮތް ދައްކުވައިދޭ ފޮޓޯތައްވެސް މައުރަޒުގައި ހިމަނާފައިވެއެވެ. މާވަހަރާއި ބޮލިފަދަ ތަކެތި ރާއްޖެއިން ޗައިނާއަށް ގެންދެވުނުގޮތްވެސް މި މައުރަޒުގައި ދައްކުވައިދީފައިވެއެވެ. މި މައުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް 40 އަހަރުވީ ގުޅުން އިތުރަށް ބަދަހި ކުރައްވަން ސަރުކާރުން މަސައްކަތް ކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރ  ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ބޮޑެތި މަޝްރޫއުތަކުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަން މިނިސްޓަރ  ޑރ އައިޝަތު ޝިހާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ވަން ފޫކާން ވިދާޅުވީ، މި މައުރަޒުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގަދީމީ ވިޔަފާރީގެ ގުޅުން ދައްކުވައިދޭނެ ކަމަށާއި، މިހާރުވެސް ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫއުތަކުގައި ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. "ބްރެތްޓޭކިންގ ބްލޫ" ނުވަތަ "އަޖައިބެއްފަދަ ނޫކަން"ގެ ނަމުގައި ހުޅުވި މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައި އޮންނާނީ، ރަސްމީ ދުވަސްތަކުގައި ހެނދުނު 10 ން ރޭގަނޑު 10 ށެވެ. އަދި ބަންދު ދުވަސްތަކުގައި ހަވީރު 4 ން ރޭގަނޑު 10 ށެވެ.