ތަޖިކިސްތާނުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ތަޖިކިސްތާނަށް ކުރިން ވިސާއާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކާ އެ ޤައުމުގެ ފޮރިން މިނިސްޓަރ ސިރާޖުއްދީން މުހްރިއްދީނަށާއި، ތަޖިކިސްތާނުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިކަމުގެ ސަބަބުން ރާއްޖެއާއި ތަޖިކިސްތާނާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ އަދި ތަހުޒީބީ ގުޅުންތައް ކުރިއަށްއޮތްތާނގައިި ބަދަހިވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Thank you Foreign Minister Sirojiddin Muhriddin, and the Government of #Tajikistan for the arrangement of travel to Tajikistan for Maldivians without prior visa.
— Abdulla Shahid (@abdulla_shahid) November 10, 2021
This will surely boost cultural and civilisational links between our countries! ???? @MOFA_Tajikistan
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނީ 1ޖެނުއަރީ 2022 އިން ފެށިގެން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހިރާއްޖެއިން ތަޖިކިސްތާނާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 6 އޮކްޓޯބަރ 1993 ގައެވެ. މިއަހަރު މި ގުޅުމަށް 28 އަހަރު ވަނީ ފުރިފައެވެ. ތަޖިކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ ޤައުމެވެ.
2018 ނޮވެމްބަރުން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ތިބެގެން ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.