ޚަބަރު

މަކުނުދޫ އެއަރޕޯޓް ހެދުމުގެ މަސައްކަތް ފުރަތަމަ މަރުހަލާގައި


ރާއްޖޭގެ ކޮންމެ ރަށަކުންވެސް ސްޕީޑް ލޯންޗުން 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް ހެދުމުގެ އަމާޒުގެ ދަށުން ހދ.މަކުނުދޫގައި އެއަރޕޯޓެއް ހެދުމަށް ނިންމައި އެކަމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށައިފިއެވެ.

މަކުނުދޫގެ އެއަރޕޯޓާއިއެކު ހދ.އަތޮޅުގައި 3 އެއަރޕޯޓް އޮންނާނެއެވެ. މިހާރު ހދ.އަތޮޅުގައި ހަނިމާދޫއާއި ކުޅުދުއްފުށީގައި އަންނަނީ އެއަރޕޯޓްތައް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ މީގެ ކުރިން މަކުނުދޫގައި ސީ ޕްލޭން ޖެއްސޭގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވީނަމަވެސް އެރަށުގެ ރައްޔިތުންގެ އެދުމާއެއްގޮތަށް އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއަރޕޯޓް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ އެރަށަށް އެންމެ ރަނގަޅީ އެއާޕޯޓެއްތޯ ނުވަތަ ސީޕްލެއިން ޖައްސޭނެގޮތް ހެދުންތޯ ބެލުމަށް ދިރާސާއެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ދިރާސާއަށްފަހު، އެންމެ ރަނގަޅު ގޮތް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަކުނުދޫ އަކީ ރާއްޖޭގެ އެންމެ ހުޅަނގުގައި މުޅިން އެކަހެރިކޮށް އޮންނަ ރަށެކެވެ. މިއާއެކު މަކުނުދޫ ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ތަކްލީފަކީ ދަތުރުފަތުރުކުރުމަށް ހުރި ގޮންޖެހުންތަކެވެ. ހދ.އަތޮޅުގައި މީހުން ދިރިއުޅޭ އެހެން ރަށްތަކާ މަކުނުދުއާ ދުރުވުމުން ދަތުރުފަތުރަށް ބޮޑު ހޭދައެއް ރައްޔިތުން ކުރަންޖެހެއެވެ. ނަމަވެސް އެރަށުގައި އެއަޕޯޓެއް ހެދުމާއެކު މިހާރު ދިމާވާ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށް ރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތުގެ ދަށުން ރައްޔިތުންގެ އެދުމާއެކު މިވަގުތުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް އެބަދެއެވެ. އެގޮތުން މ.މުލީގައާއި ގދ.ފަރެސްމާތޮޑާގައި އެއަރޕޯޓުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދެއެވެ. ރ.އަލިފުށީގައި އެއަރޕޯޓު ހެދުމަށް ސަރވޭކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އަމިއްލަ ފަރާތަކުން މަޑިވަރުގައި ތަރައްޤީކުރަމުން އަނަން އެއަރޕޯޓުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

އެއަރޕޯޓްތައް ހެދުމުގެ މަސައްކަތުގެ އިތުރަށް ސަރުކާރުން އަންނަނީ މިހާރު ހުރި އެއަރޕޯޓްތައް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ކަނޑައަޅާފައިވަނީ އެއަރޕޯޓުތަކާއެކު ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. އެގޮތުން ޕީއެސްއައިޕީ ބަޖެޓުގެ %27.9 ކަނޑައަޅާފައިވަނީ މިމައްސަލައަށް ޙައްލުގެނެސްދިނުމަށެވެ.

ސަޢޫދީ ފަންޑާއި، އަބޫދާބީ ފަންޑާއި ކުވެއިތު ފަންޑާއި އޮފިޑް ފަންޑުގެ ދަށުން ހަމަޖެހިފައިވާ ލޯނު އެހީގެ ތެރެއިން 560.8 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށްކަމަށެވެ. ޑޮމެސްޓިކް އެއަރޕޯޓުތައް ތަރައްޤީކުރުމަށްވަނީ 123.3 މިލިއަން ރުފިޔާ ހިމަނާފައެވެ.

އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާއިން ދޫކޮށްފައިވާ އިންޑިއަން އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިސާވަނީ ހަމަޖެހިފައެވެ. އަދި ނ.މާފަރު އެއަރޕޯޓް ތަރައްޤީކުރުމަށް އަބޫދާބީ ފަންޑުން 1.6 މިލިއަން އަދި ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ޚަރަދުކުރާގޮތަށް ވަނީ ބަޖެޓްކޮށްފައެވެ.