ވިޔަފާރި

އަންނަ އަހަރު ތެލުގެ ޑިމާންޑު ދުވާލަކު 4.15 މިލިއަން ފީފާއަށް އިތުރުވާނެ: އޯޕެކް


ކުރިއަށްއޮތް 2022 ވަނަ އަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑު އުފުލޭނެކަމަށް އޮޕެކުގެ ދިރާސާތަކުން ދައްކައިފިއެވެ.

އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގް ކަންޓްރީސް، އޮޕެކުން ހޯމަ ދުވަހު ނެރުނު ރިޕޯޓުތައް ބުނާގޮތުން އެޖަމާޢަތުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުތައް ކަމަށްވާ ސަޢުދީ އާއި އިރާޤުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ ގުޅިގެން، ފާއިތުވި ނޮވެމްބަރުމަހު ތެޔޮ އުފައްދާފައިވާ މިންވަރު ވަނީ ދުވާލަކު 290،000 ފީފާ އިތުރުވެފައެވެ. މިއާއެކު މިހާރު ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު ހުރީ ދުވާލަކު 27.72 މިލިއަން ފީފާގެ ރޭޓުގައެވެ. އަދި ކުރިއަށް އޮތް އަހަރު މި ޢަދަދު 28.8 މިލިއަނަށް އިތުރުވެގެންދާނެކަމަށް އޮޕެކުން ލަފާކުރެއެވެ.

އޮޕެކުގެ ދިރާސާ ރިޕޯޓުން ދައްކާގޮތުން އެޖަމާޢަތުން ކުރިން އަންދާޒާ ކޮށްފައިވާގޮތަށް، 2022 ވަނަ އަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑު ދުވާލަކު 4.15 މިލިއަން ފީފާ އަށް އިތުރުވެގެންދާނެއެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ތެލުގެ ޑިމާންޑު އެވެރެޖުކޮށް ދުވާލަކު 99.13 މިލިއަން ފީފާ އަށް އަރާނެކަމަށާއި، މިއީ ކުރިން ބެލެވުނު މިންވަރަށްވުރެ ދުވާލަކު 1.11 މިލިއަން ފީފާގެ ކުރިއެރުމެއް ކަމަށް އެ ޖަމާޢަތުން ހާމަކުރެއެވެ.

މި ޢަދަދުތަކާއެކު މިއަހަރުގެ ފަހު ކުއާޓަރަށް ލަފާކުރި ބައެއް ކުރިއެރުންތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެކަމަށް ލަފާކުރެވޭކަމަށާއި، އަންނަ އަހަރު ތެލުގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓި މަޑުމަޑުން ރަނގަޅުވަމުން އަންނާނެކަމަށް ބެލެވޭކަމަށް އޮޕެކްގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި 2022 ނިމޭއިރު ދުނިޔޭގައި ތެޔޮ ބޭނުންކުރާ މިންވަރު ދުވާލަކު 100 މިލިއަން ފީފާ އަށްވުރެ އިތުރުވެގެންދާނެކަމަށް އޮޕެކުން ލަފާކުރެއެވެ. މި ޢަދަދަށް އެންމެފަހުން ތެޔޮ ބޭނުންކޮށްފައިވަނީ 2019 ގައެވެ.

އޮޕެކުގެ ރިޕޯޓުތަކުން ތެލުގެ ޑިމާންޑު އިތުރުވާނެކަމަށް ދައްކާއިރު، މިޖަމާޢަތާއި އަދި އެކުވެރި ޤައުމުތައް ހިމެނޭ، އޮޕެކް ޕްލަސް އިން ވަނީ ކޯވިޑް-19 އާ ގުޅިގެން ތެޔޮ އުފައްދާ މިންވަރު ރިކޯޑު ޢަދަދަދުތަކުން މަދުކުރި ކުރުން އަލުން އިޔާދަކޮށްފައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ބޭއްވި އޮޕެކް ޕްލަސް ގެ ބައްދަލުވުމުގައި، އަންނަ ޖަނަވަރީގައި ތެޔޮ އުފައްދާ މިންވަރު ދުވާލަކު 400،000 ފީފާ އިތުރުކުރުމަށް ވަނީ އެއްބަސްވެފައެވެ.

މިހާރު ދުނިޔޭގެ ވިޔަފާރި މަސްރަޙަށް ބަލާއިރު، ކޯވިޑު-19ގެ އައު ވޭރިއެންޓް އޮމިކްރޯންގެ ނުރައްކާ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އިޤްތިޞާދަށް އެބައޮތްކަމަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމުޢިއްޔާއިން ހާމަކޮށްފައިވީ ނަމަވެސް، މިކަމުން ތެލުގެ ޑިމާންޑަށް އަސަރު ކުރާނެކަމަށް ބެލެވެނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް އޮޕެކުން ބުނެއެވެ.