ޗައިނާގައި އިލްކެޓްރޯނިކް ވެހިކަލް ނުވަތަ އީ-ވެހިކަލް އުފައްދާ ފަރާތްތަކަށް ކާބަން މަޢުދަނުގެ ވައްތަރެއް ކަމަށްވާ ގްރެފައިޓް ލިބުން ދަތިވެއްޖެއެވެ.
އީ-ވެހިކަލްގެ ބެޓެރި އުފެއްދުމަށް ގްރެފައިޓްގެ ޤުދުރަތީ އަދި ސިންތެޓިކް ވައްތަރު ބޭނުންވާއިރު، މިތަކެތީގެ %70 ފޯރުކޮށްދެނީ ޗައިނާއިންނެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އީ-ވެހިކަލްގެ ބެޓެރިއަށް އޮތް ޑިމާންޑް ބޮޑުވެ، ޗައިނާގެ އަމިއްލަ ކުންފުނިތަކަށް ބޭނުންވާވަރަށް ގްރެފައިޓް ލިބެން ނެތްކަމަށް އެކުންފުނިތަކުން ހާމަކުރެއެވެ.
ބެންޗްމާރކް މިނެރަލް އިންޓެލިޖެންސް، ބީއެމްއައިގެ އެނަލިސްޓް ޖޯރޖް މިލަރ ބުނިގޮތުގައި ފިނި މޫސުމާ ދިމާކޮށް ފިނިހޫނުމިން މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ޗައިނާގެ އުތުރު އިރުމަތީ ސަރަޙައްދުތަކުގައި ހުންނަ ގްރެފައިޓް ނަގާ ތަންތަން ބަންދުވެއެވެ. އެހެންކަމުން ފިނި މޫސުމުގައި ވިއްކަން ޖެހެނީ ބާޒާރުގައި އެވަގުތަކު ލިބެންހުރި ގްރެފައިޓް ކަމަށާއި، ޗައިނާއިން އަދި ބޭރު ޤައުމުތަކުންވެސް މި މަޢުދަން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ.
އީ-ވެހިކަލްގެ ލިތިއަމް ބެޓެރިތަކަށް ބޭނުންވާ ގްރެފައިޓް ހޯދުމަށް ޓެސްލާ ފަދަ ބޮޑެތި ކުންފުނިތަކުން މަސައްކަތްކުރަމުން ދާއިރު، ޗައިނާގައި ދާދިފަހުން ކަރަންޓުގެ އަގު ބޮޑުކުރުމާ ގުޅިގެން މަޢުދަން ނެގޭ މިންވަރު އިތުރަށް މަދުވެފައިވާ ކަމަށް އެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ހާމަކުރެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ވިންޓަރ އޮލިމްޕިކްސްގައި ޗައިނާއިން ބޭނުންކުރުމަށް ނިންމާފައިވާ ބެކްޑްރޮޕް ދިއްލުމުގައި ގިނަ ޢަދަދަކަށް ގްރެފައިޓް ބޭނުންކުރަން ޖެހޭނެތީ، މި މަޢުދަން ހުސްވުމުގެ ބިރު މާބޮޑަށް އެބައޮތްކަމަށް އެޤައުމުގެ އީ-ވެހިކަލް އުފައްދާ ކުންފުނިތަކުން ބުނެއެވެ.
ބީއެމްއައި އިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ގްރެފައިޓް ލިބުން ޑިމާންޑަށްވުރެ 20،000 ޓަނު މަދުވެގެން ދާނެއެވެ. މި ޢަދަދަކީ ގާތްގަނޑަކަށް 250،000 އީ-ވެހިކަލަށް ބެޓެރި އުފެއްދޭނެ ޢަދަދެކެވެ. އަދި ކުރިއަށް އޮތް 10 އަހަރު ދުނިޔޭގައި ލިތިއަމް ބެޓެރިއަށް އޮތް ޑިމާންޑް %27 އިތުރުވެގެން ދާނެކަމަށް ބީއެމްއައި އިން ލަފާކުރެއެވެ.
ގްރެފައިޓަށް އޮތް ޑިމާންޑް ބޮޑުވެ، ޓެސްލާއިން ވަނީ އެމެރިކާގެ ޤާނޫނުގެ 301 ވަނަ މާއްދާގެ ދަށުން ޗައިނާއިން އެތެރެކުރާ ޤުދުރަތީ އަދި އާޓިފިޝަލް ގްރެފައިޓަށް ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެއްބަސްވެފައެވެ. އަދި އެކުންފުނިން ބޭނުންވާ ޢަދަދަށާއި ބޭނުންވާ މިންގަނޑަށް ގްރެފައިޓް ލިބެންހުރީ ހަމައެކަނި ޗައިނާއިން ކަމަށް ޓެސްލާއިން ވަނީ ބުނެފައެވެ.
ޗައިނާއިން ނަގާ ގްރެފައިޓްގެ އަގު އެޤައުމުގެ ބާޒާރުގައި %40 އުފުލި، މިހާރު ހުރީ ޓަނެއް 707 ޑޮލަރުގެ ރޭޓުގައެވެ.