ޚަބަރު

ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި


ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ އެންޓިޖެން ޓެސްޓް ހަދަން ފަށާފައިވަނީ މާލޭގެ ބައެއް ސާމްޕަލް ސެންޓަރުތަކުންކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވިގޮތުގައި ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ހަދަމުންދަނީ ސޯޝަލް ސެންޓަރާއި ސެނަހިޔާގައެވެ. އަދި ހުޅުމާލެ ރުއްގަނޑު1، ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސާމްޕްލިންގ ސެންޓަރުގައިވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓު ހަދަނީ، ސާމްޕަލް ނަގަން އަންނައިރު އެމީހެއްގެ ކިބައިން ބަލީގރެ ޢަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަންޏެވެ. މިޓެސްޓަކީ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓެކެވެ. ކުޑަ ޓެސްޓު ކިޓެއް ބޭނުންކޮށްގެން މި ޓެސްޓު ހަދަނީ، ކިޓްގައި އޮންނަ ކަފަބޫރަކުން ނޭފަތުން ނަގާ ސާމްޕަލުންނެވެ. ނުވަތަ ކެއްސާފައި ޖަހާ ކުޅުގެ ސާމްޕަލުންނެވެ. މި ޓެސްޓަކީ ސާމްޕަލް، ލެބަށް ފޮނުވަންނުޖެހި ތިބިތާ ތިބެގެން ބަގުތުން ހެދޭ ޓެސްޓެކެވެ.

މި ޓެސްޓު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަންނަނީ ހަދަމުންނެވެ. ރާއްޖޭގައި މި ޓެސްޓު މާލެ ސަރަޙައްދުގައި ހަދަން ފަށާފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގައިވެސް ހަދަމުން އަންނަކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ. ޚާއްސަކޮށް ބޮޑަށް ބަލި ފެތުރެމުންދާ ރަށްތަކުގައި މިޓެސްޓު ކިޓް ބޭނުންކުރަމުންދާކަމަށް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ރެޕިޑް ޓެސްޓު ކިޓް ބޭނުންކޮށްގެން ޓެސްޓު ހަދަނީ ބޮޑަށް އަލާމާތްތައް ހުންނަ މީހުންގެއެވެ. އެއީ މުޖުތަމަޢުގައި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. ރާއްޖޭގައި އާއްމުކޮށް ޓެސްޓު ކުރަމުން އައިސްފައިވަނީ ޕޮލިމަރަސް ޗެއިން ރިއެކްޝަން ޕީސީއާރް ޓެސްޓެވެ. މި ޓެސްޓު ހެދޭ މެޝިންތައް ރާއްޖޭގައި މަދުވުމާއެކު، ގިނައިން ސާމްޕަލް ޓެސްޓުކުރުމުގައި ދަތިތައް ކުރިމަތިވަމުންދެއެވެ.

ރެޕިޑް ޓެސްޓާއެކު ރާއްޖޭގައި ސާމްޕަލް ޓެސްޓުކުރާ މިންވަރުވަނީ އިތުރުކުރެވިފައެވެ. ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓާއެކުވެސް ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޓެސްޓުކުރާ މިންވަރުވެސްވަނީ އިތުރުކޮށްފައެވެ. މިހާރު އެވަރެޖްކޮށް 6000އިން މަތިން ކޮންމެ ދުވަހަކުވެސް ޓެސްޓް ހަދައެވެ.