ޚަބަރު

ވޯލްޑް ބޭންކުން ޔޫކްރެއިނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވެއްޖެ


ޔޫކްރެއިންގެ އިޤްތިޞާދީ އަދި އެތެރޭގެ ޙާލަތު ކޮޅަށްޖެހުމަށްޓަކައި އެ ޤައުމަށް 350 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ހޮނިހިރުދުވަހު ވޯލްޑް ބޭންކުން ހާމަކޮށްފައިވަނީ އަންނަ މާޗުމަހު ޔޫކްރެއިނަށް ދޭން ތައްޔާރުވަމުންދާ 350 މިލިއަން ޑޮލަރުގެ އެހީއަކީ އެ ޤައުމުގައި ކުރިޔަށްދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުންނާއި ވަކިން ޚާއްޞަކޮށް މިހާރު އެ ޤައުމުގައި ކުރިޔަށްދާ ދާޚިލީ ހަމަނުޖެހުމުގެ ދަނޑިވަޅުގައި އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އެކަށައަޅާފައިވާ ބަޖެޓެއް ކަމަށެވެ.

މާލީ އެހީ ހޯދުމުގެ މަޝްވަރާތައް ބޭއްވުމަށްޓަކައި ހޮނިހިރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮދިމީރ ޒެލެންސްކީ ވަނީ ވޯލްޑް ބޭންކުގެ ވެރިޔާ ޑޭވިޑް މެލްޕާސްއާއި ބައްދަލުކުރައްވާފައެވެ. މިއުނިކްގައި ބޭއްވި މި ބައްދަލުވުމުގައި ވޯލްޑް ބޭންކުގެ ފަރާތުން ޔޫކްރެއިނަށް ބޭނުންވާ ކުރު އަދި ދިގު މުއްދަތުގެ ލޯނު އެހީގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމަށް ވަނީ ބުނެފައެވެ.

ވޯލްޑް ބޭންކުން ހަމަޖައްސާފައިވާ މި ފަންޑުގެ އިތުރުން އިތުރު ފަންޑުތަކާއި، ފައިސާގެ އެހީތެރިކަން ކުރިއަށްއޮތްތަނުގައި ޔޫކްރެއިނަށް ދޭނެކަމަށް ބޭންކުން ނެރުނު ބަޔާނެއްގައިވެއެވެ. އެގޮތުން ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމުގެ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ޢިމާރާތްކުރުމުގެ ދާއިރާއާއި، ވަޒީފާގެ ބާޒާރު ފުޅާކުރުމުގައި އެހީތެރިކަން ދިނުމަށްވެސް މަޝްވަރާތަކުގައި އެއްބަސްވެފައިވެއެވެ.

ޔޫކްރެއިންގެ މިހާރުގެ ޙާލަތަށް ބަލާއިރު ހަނގުރާމައިގެ ތުންފަތްމަތީގައި އޮތުމުގެ ސަބަބުން ވޯލްޑް ބޭންކާއި އައި.އެމް.އެފުން މިދިޔަ ހަފްތާގައި ވަނީ ޔުކްރެއިންގައި ތިބި އެތަންތަނުގެ މުވައްޒަފުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އެ އިދާރާތަކުން ޔޫކްރެއިނަށް އެހީތެރިކަންދިނުމަށް ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރިއަށްގެންދަމުންނެވެ.

ވޯލްޑް ބޭންކުން ޔޫކްރެއިނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު ފާއިތުވި ހަފްތާގައި އެމެރިކާއިން ވަނީ ޔޫކްރެއިންގެ އިޤްތިޞާދު ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވާނެކަމަށް ބުނެފައެވެ. އެގޮތުން ބައިޑެންގެ ސަރުކާރުން ޔޫކްރެއިނަށް 1 ބިލިއަން ޑޮލަރާއި ހަމައަށް ސޮވެރިން ލޯން ގެރެންޓީ ދޭން ނިންމާފައިވެއެވެ.