ޚަބަރު

ޔޫއޭއީން އިންޑިއާއާއެކު ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް ޤާއިމުކޮށްފި


ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އާއި އިންޑިއާއާ ދެމެދު ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގުމާއިބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވިޔަފާރި އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަހަފްތާގައި ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ އޮފިޝަލުންގެ އިތުރުން ޔޫއޭއީގެ ކްރައުން ޕްރިންސް ޝެއިޚް މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަތެވެ.

ފުޅާ ދާއިރާއެއްގައި މިހާރުވެސް ވިޔަފާރި ކުރަމުން އަންނަ މި ދެ ޤައުމުގެ މެދުގައި ޤާއިމުކުރި "ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާރޓްނަޝިޕް އެގްރީމެންޓް"ގެ ސަބަބުން ކުރިއަށްއޮތް 10 އަހަރުތެރޭ، ދެ ޤައުމުގެ މެދުގައި ނަގާ އިމްޕޯޓް އެކްސްޕޯޓް ޓެކްސް އެއްކޮށް އުނިކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިއަށްއޮތް 5 އަހަރުތެރޭ ދެ ޤައުމުގެ މެދުގައި އަހަރެއްގެ މައްޗަށްކުރާ ވިޔަފާރީގެ އަގު 100 ބިލިއަން ޑޮލަރަށް އެރުވުމަށް ޢަމާޒުކޮށްފައިވެއެވެ.

އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައިތަކަށް ބަލާއިރު ދެ ޤައުމަށް ވިއްކާ މުދަލުން ނަގާ ޓެކުހުގެ 80 އިންސައްތަ އުނިކުރާނެއެވެ. އަދި ޚިދުމަތާއި މުދާ ރައްކާތެރިކޮށްދިނުމަށް އެއްބަސްވެފައިވާއިރު، ޔޫއޭއީއިން ވަނީ 2030ގެ ނިޔަލަށް ރަނގަޅު ފެންވަރެއްގައި ތަމްރީނުވެފައިވާ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން 140،000 ވަޒީފާ އުފައްދާނެކަމަށް އެއްބަސްވެފައެވެ.

ޔޫއޭއީގެ އިޤްތިޞާދާބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި އިންޑިއާއާއެކު ސޮއިކުރި ވިޔަފާރި އެއްބަސްވުމުގެ ސަބަބުން 2030ގެ ނިޔަލަށް ޔޫއޭއީގެ އުފެއްދުންތެރިކަމަށް 1.7 އިންސައްތަ ނުވަތަ 9 ބިލިއަން ޑޮލަރު އިތުރުވާނެއެވެ. މީގެއިތުރުން އެކްސްޕޯޓަށް 7.6 ބިލިއަން ޑޮލަރު އިތުރުވެ، އިމްޕޯޓަށް 14.8 ބިލިއަން ޑޮލަރުގެ މުދާ އިތުރުވާނެކަމަށް ޔޫއޭއީން ހާމަކުރެއެވެ.

މި އެއްބަސްވުމާއި ގުޅިގެން އިންޑިއާގެ ކޮމާރސް މިނިސްޓަރ ޕިޔުޝް ގޮޔާލް ވިދާޅުވެފައިވަނީ އެއްބަސްވުމުގެ ސަބަބުން ގިނަ ހޭދައާއި މަސައްކަތް އެކުލެވޭ ދާއިރާތައް ކަމަށްވާ އޮޓޯ ސިނާޢަތާއި، އިންޖިނިއަރިންފަދަ ދާއިރާތަކުން އިންޑިއާގައި މިލިއަނަކަށްވުރެ ގިނަ ވަޒީފާ އިތުރުވެގެންދާ ތަން ފެންނާނެކަމަށެވެ.

އިންޑިއާއަކީ ޔޫއޭއީއިން ދެވަނައަށް އެންމެ ގިނަ ވިޔަފާރިކުރާ ޤައުމެވެ. އިންޑިއާއަށް ނިޞްބަތްވާ 3 މިލިއަނަށްވުރެ ގިނަ މީހުން ޔޫއޭއީގައި ވަޒީފާ އަދާކުރަމުންދާއިރު ޔޫއޭއީގައި ދިރިއުޅޭ 10 މިލިއަން މީހުންގެ އާބާދީގެ ބޮޑުބަޔަކީ އެހެން ޤައުމުތަކުގެ ރައްޔިތުންނެވެ. ޔޫއޭއީގެ ޢަމާޒަކީ މިފަދަ ވިޔަފާރި އެއްބަސްވުންތަކެއް އިތުރު ޤައުމުތަކާއެކު ޤާއިމުކޮށްގެން، ބައިނަލްއަޤްވާމީ ވިޔަފާރި ހަބަކަށްވުންކަމަށް އެ ޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.