ޚަބަރު

މަރުވި އަންހެން މީހާގެ ސިޒޭރިއަން ހެދި ޑޮކްޓަރު ސަސްޕެންޑްކޮށްފި


ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައެއްގައި، ހާލު ސީރިއަސްވެ، މަރުވި އަންހެން މީހާގެ ސިޒޭރިއަން ހެދި ޑޮކްޓަރު ސަސްޕެންޑްކޮށްފިއެވެ. ސިޒޭރިއަން ހެދުމުގައި ދިމާވި މައްސަލަތަކެއްގައި ހާލު ސީރިއަސްވި ކުޅުދުއްފުށީ ސިނަމާގޭ އުމުރުން 33 އަހަރުގެ އައިޝަތު ފަރިޔާލް މަރުވެފައިވަނީ އިމެންޖެންސީގައި އިއްޔެ އެނާ މާލޭ ގެނެސް،  އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. ފަރިޔާލްގެ ސިޒޭރިއަން ހެދި ޑޮކްޓަރު މަސައްކަތަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށް، އެ މައްސަލައިގެ ތަހްޤީގު ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ވަހީދު ވިދާޅުވިއެވެ. އަދި އެ ޑޮކްޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވީ ކޮން މައްސަލަތަކެއް ކަމެއް އަދި ބުނަން ނޭނގޭކަމަށް ޑރ. އަބްދުﷲ ވަހީދު ވިދާޅުވިއެވެ.ފަރިޔާލްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އަސާހަރާގައެވެ.