ޚަބަރު

ރެކޯޑް މިންވަރަކަށް އިންފްލޭޝަން މަތިވެ، ލަންކާގެ އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވެއްޖެ


ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވެ، ޖެހިޖެހިގެން 4 ވަނަ މަހު ރެކޯޑް މިންވަރަށް އިންފްލޭޝަން އުފުލިފައިވާކަމަށް ރަސްމީ ދިރާސާތަކުން ދައްކައިފިއެވެ.

ސްރީލަންކާގައި ނޭޝަނަލް ކޮންސިއުމަރ ޕްރައިސް އިންޑެކްސް ޖަނަވަރީމަހު ހުރީ 16.8 އަށް މައްޗަށް ޖެހިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ކޮންސިއުމަރ ޕްރައިސް އިންޑެކްސް ހުރީ 8.3 އިންސައްތައިގައެވެ. އެހެންކަމުން އޮކްޓޯބަރުމަހުން ފެށިގެން ޖަނަވަރީމަހާއި ހަމައަށް 4 މަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް މިވަނީ ދެގުނައަށް އުފުލިފައެވެ.

ސްރީލަންކާގައި ރިކޯޑު މިންވަރަކަށް އިންފްލޭޝަން އިތުރުވާން ދިމާވެފައިވާ މައިގަނޑު ސަބަބަކީ ޑޮލަރު ލިބުން ދަތިވެފައިވުން ކަމުގައި އެ ޤައުމުގެ ސަރުކާރުން ހާމަކުރެއެވެ. ހޯމަދުވަހު ސްރީލަންކާގެ ހަކަތައާއިބެހޭ ވަޒީރު ހާމަކުރައްވާފައިވާގޮތުން ދަރަންޏަށް ތެޔޮ ގަންނަން ލިބުން ދަތިވެ، ތެޔޮ ޕްލާންޓުތަކުގެ ކައިރީގައި މީހުން ކިއު ޖެހިގެން އެބަތިއްބެވެ. އަދި ޑިމާންޑު އިތުރުވެގެންގޮސް ބައެއް ޕްލާންޓްތަކުގެ މަސައްކަތް ހުއްޓިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރު މެދުވެރިކޮށް މިކަމަށް ޙައްލެއް ހޯދަން ބަލާއިރު ސަރުކާރުގެ ތެޔޮ ކުންފުނިކަމަށްވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ދައްކަންޖެހޭ 3.5 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި ހުުރުމުން އިތުރު ލޯނެއް ލިބޭގޮތް ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙަބަރުތައް ބުނާގޮތުގައި ތެލުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ލަންކާ ސަރުކާރުގެ ތެޔޮ ކުންފުނިން މިހާރު ދަނީ އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނު އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާގެ ބާޒާރުގައި ކާބޯތަކެތި ލިބުން ދަތިވެ، ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބޭރު ޤައުމުތަކުން އިމްޕޯޓުކުރާ މުދާ އެތެރެކުރުމަށް ފައިސާ ނެތުމުގެ ސަބަބުން އިމްޕޯޓު މަދުވެ، މިހާރު ބާޒާރުގައި ހުރި ކާޑުގެ ބާވަތްތަކާއި ދަޅު މަހާއި ހިކިކިރު ފަދަ ވައްތަރުތައް ވިއްކަމުން ދަނީ ކޮންޓްރޯލްކޮށްގެންނެވެ.

ސްރީލަންކާގެ އިޤްތިޞާދު މިހާބޮޑަށް ހީނަރުވެފައިވަނީ ފަތުރުވެރިކަމުންނާއި ރެމިޓެންސްގެ ގޮތުގައި އެ ޤައުމަށް ލިބެމުންދިޔަ އާމްދަނީ ޕެންޑެމިކާއި ގުޅިގެން ހީނުކުރާ މިންވަރަށް ދަށަށްގޮސްފައިވާތީއެވެ. އެ ޤައުމުން މިއަހަރު ދައްކަންޖެހޭ 4 ބިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ. ނަމަވެސް ފޮރިން އެކްސްޗޭންޖް ރިޒާވުގައި ހުރީ އެންމެ 2.36 ބިލިއަން ޑޮލަރު ކަމަށް ރިޕޯޓުތަކުން ހާމަކުރެއެވެ.

ސްރީލަންކާގެ އިޤްތިޞާދީ ޙާލަތު ދުވަހުން ދުވަހަށް ގޯސްވެ، މުދަލާއި ޚިދުމަތުގެ އަގު އުފުލި، އިންފްލޭޝަން ބާރުމިނުގައި މައްޗަށް ޖެހެމުންދާތީ އެ ޤައުމުން މިހާރު ވަނީ އައި.އެމް.އެފްގެ އެހީތެރިކަމަށް އެދިފައެވެ.