ޚަބަރު

އިތުރު އެހީގެ ގޮތުގައި ޔޫކްރެއިނަށް އައިއެމްއެފުން 1.4 ބިލިއަން ޑޮލަރު


ހަނގުރާމައިގެ ކުއްލި ޚާލަތާއި ގުޅިގެން ޔޫކްރެއިނަށް ދޭ އިތުރު އެހީގެ ގޮތުގައި އައިއެމްއެފުން 1.4 ބިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ޔޫކްރެއިނަށް ދޭން ނިންމާފައިވާ ފައިސާގެ އެހީއަކީ ރެޕިޑް ފައިނޭންސިންގ އިންސްޓްރޫމަންޓް ޕްރޮގްރާމުގެ ދަށުން ދޭ ފައިސާކަމަށް ނެޝަނަލް ބޭންކް އޮފް ޔޫކްރެއިންއިން ހާމަކުރެއެވެ. ރެޕިޑް ފައިނޭންސިންގ އިންސްޓްރޫމަންޓް ޕްރޮގްރާމަކީ ހަނގުރާމަފަދަ ޙާލަތްތަކާއި ގުޅިގެން ފައިސާގެ އަވަސް އެހީތެރިކަމެއް ބޭނުންވާ މެމްބަރު ޤައުމުތަކަށް ފައިސާ ފޯރުކޮށްދިނުމަށް، އައިއެމްއެފުން އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.

އައިއެމްއެފުން ހަމަޖައްސާފައިވާ 1.4 ބިލިއަން ޑޮލަރުގެ މި ފަންޑަކީ މިވަގުތު އެ ޤައުމަށް ކޮންމެހެން ބޭނުންވާ ފަންޑެއްކަން ފާހަގަކުރައްވައި، ނެޝަނަލް ބޭންކް އޮފް ޔޫކްރެއިންގެ ގަވަރުނަރު ޝެވްޝެންކޯ ކެރެލޯ ވިދާޅުވީ، މި ފައިސާގެ ސަބަބުން ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވާ މުހިއްމު ކަންކަމަށް ޚަރަދުކުރެވޭނެކަމަށެވެ.

ޔޫކްރެއިނަށް މާލީ އެހީގެ ގޮތުގައި ވޯލްޑް ބޭންކުންވެސް ވަނީ 723 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ފާސްކޮށްފައެވެ. މީގެ އިތުރުން އެމެރިކާގެ ފިސްކަލް ބަޖެޓުގައި ހިމަނައިގެން ޔޫކްރެއިނަށާއި އަވަށްޓެރި ޤައުމުތަކަށް މި ހަނގުރާމައިގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 13.6 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް، އެ ޤައުމުގެ މަޖިލީސްކުރާގެއިން މިއަދު ވަނީ ފާސްކޮށްފައެވެ.

މިހަފްތާގައި ރައްޔިތުންނާއި މުޚާޠަބުކުރައްވައި ދެއްވި މެސެޖުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ސެލެންސްކީ ވިދާޅުވެފައިވަނީ އެ ޤައުމަށް އެހީ ލިބޭނެކަމުގެ ޚަބަރު ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރަކުހެން ލިބެމުންދާކަމަށެވެ. ޔޫކްރެއިނުން ދަނީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ ހުރިހާ ގްރޫޕުތަކުން ރަޝިޔާއާއި ބެލެރޫސްގެ މެމްބަރުކަން އަތުލުމަށް ވަކާލާތުކުރަމުންނެވެ.