ޚަބަރު

ޕާކިސްތާނުގެ އިންތިޤާލީ ބޮޑުވަޒީރަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު


ޕާކިސްތާނުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ގުލްޒާރު އަޙްމަދުގެ ނަންފުޅު އެ ޤައުމުގެ ބޮޑުވަޒީރު އިމުރާން ޚާން ހުށަހަޅުއްވައިފިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިމުރާން ޚާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ހުށަހެޅި މައްސަލަ ޤާނޫނުހަދާ މަޖިލީހުން ތާވަލުކޮށްފައެއް ނުވެއެވެ. އޭރު ޤާނޫނުހަދާ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އިމުރާން ޚާންގެ ޕާޓީއަށް ނިޞްބަތްވާ މެންބަރެކެވެ. އިތުބާރުނެތްކަމުގެ ވޯޓުގެ ކުރިން ޕާކިސްތާނުގެ ވެރިކަންކުރާ އިއްތިޙާދަށް ނިޞްބަތްވާ ބައެއް މެންބަރުން އިދިކޮޅާ ގުޅުމުން އިމުރާން ޚާން މަޤާމުން ދުރުކުރެވޭނެކަމަށް ބެލެވުނެވެ. ނަމަވެސް އިތުބާރުނެތްކަމުގެ ވޯޓުން ރެކިވަޑައިގަންނަވައި އިމުރާން ޚާންވަނީ ޤާނޫނުހަދާ މަޖިލިސް އުވާލެއްވުމަށް އެ ޤައުމުގެ ރައީސް އާރިފް އަލްވީއަށް ދަންންވައިފައެވެ. އޭނާއަކީވެސް އިމުރާން ޚާންގެ ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. އޭގެ އިތުރުން އިމުރާން ޚާންވަނީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އެ ޤައުމުގައި ޢާއްމު އިންތިޚާބެއް ބާއްވާނެކަން އިޢުލާންކުރައްވައިފައެވެ.

ޕާކިސްތާނުގެ ޤާނޫނުއަސާސީގައިވާ ގޮތުން އިންތިޚާބެއް ބޭއްވުމުގެ ކުރިން އިންތިޤާލީ ބޮޑުވަޒީރަކާ ސަރުކާރުގެ ބާރާއި މަސްޢޫލިއްޔަތުތައް ހަވާލުކުރަން ޖެހެއެވެ. އެ ޤައުމުގެ ޤާނޫނުއަސާސީގައިވާ ގޮތުން އިންތިޤާލީ ބޮޑުވަޒީރެއް ޢައްޔަންކުރައްވަން ޖެހިވަޑައިގަންނަވަނީ އެ ޤައުމުގެ ރައީސް އާރިފް އަލްވީއެވެ. އޭނާ އެ ޒިންމާ ޢަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އިމުރާން ޚާނާއި އިދިކޮޅު ސިޔާސީވެރިޔާ ޝާހްބާޒު ޝަރީފުގެ ރުޙުމާއެކުއެވެ. ނަމަވެސް ޝާހްބާޒު ޝަރީފުވަނީ އެއީ ޤާނޫނާ ޚީލާފު ނިންމެވުމެއްކަމަށް ވިދާޅުވެ އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ދެކޮޅުހައްދަވައިފައެވެ. އިންތިޤާލީ ބޮޑުވަޒީރެއް ޢައްޔަންކުރެވެންދެން ސަރުކާރު ހިންގަވަން ޖެހިވަޑައިގަންނަވާނީ އިމުރާން ޚާނަށެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ހޯދާފައިވާ ދަނޑިވަޅެއްގައި އިމުރާން ޚާން އަޅުއްވަމުންދާ ފިޔަވަޅުތައް ހުއްޓުވުމަށް އެ ޤައުމުގެ ސުޕުރީމު ކޯޓަށްވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލާގެ އަޑުއެހުމުގައި ސުޕުރީމު ކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ އިމުރާން ޚާނާ ދެކޮޅަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލައަށް ވޯޓަށް އަހާފައިނުވަނީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި އިތުބާރުނެތްކަމުގެ މައްސަލައާ ގުޅޭގޮތުން އެއްވެސް ބަހުޘެއްކޮށްފައިނުވާކަމަށާއި އެ މައްސަލަ ބަލައިނުގަންނަން ނިންމީ މަޖިލީހުގެ ރައީސްގެ ބަދަލުގައި އޭނާގެ ނައިބުކަންވެސް ސުޕުރީމު ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލާގައި ކޯޓުން ވަކި ގޮތަކަށް އަދި ޙުކުމުކޮށްފައެއް ނުވެއެވެ.

1947ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން މިނިވަންކަން ލިބުނުފަހުން 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ފަސް އަހަރުގެ ދަޢުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ.