ސުރީ ލަންކާގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުން ލިބޭ މާލީ ގެއްލުން ބޮޑުކަމަށާއި މުޒާހަރާކުރުން ހުއްޓާލައި އެންމެން ގެޔަށްވަނުމަށް އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެދިވަޑައިގެންފިއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ މަޞްރަޙު ހަލަބޮލިވެ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް ޤައުމާ މުޙާތަބުކުރައްވަމުން މަހިންދަ ވިދާޅުވީ މުޒާހަރާތައް ކުރިޔަށްދާ ކޮންމެ ސިކުންތަކީ އެ ޤައުމަށް މާލީގޮތުން ގެއްލުންތަކަކާ ކުރިމަތިލާންޖެހޭ ހިނދުކޮޅެއްކަމަށެވެ. އަދި ޤައުމަށް ދިމާވެފައިވާ ބޮޑު ކާރިޘާއިން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ފުރުޞަތު ދޭންޖެހޭކަމަށާއި މުޒާހަރާތައް ހުއްޓާލަންޖެހޭކަމަށް މަހިންދަ ވިދާޅުވިއެވެ. ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވަމުން މަހިންދަވަނީ ފާއިތުވި ދުވަސްތަކުގައި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލައި ޢާއްމުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއާއި ސުރީ ލަންކާގެ ރައީސްގެ މަޤާމުގައި ހުންނެވި އޭނާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަގެ ހުރިހާ ވަޤުތެއް ހޭދަކުރައްވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށެވެ.
ސުރީ ލަންކާގެ ސަރުކާރު ހިންގުމަށް ފުރުޞަތުދިނުމަށް މަހިންދަ އެދިވަޑައިގަތް ނަމަވެސް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ އެ ޤައުމުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އެ ޤައުމުގެ ބޮޑެތި ޕާޓީތަކުންވަނީ މަހިންދައާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެ ޤައުމުގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށް ނިންމައިފައެވެ. އޭގެ އިތުރުން ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާއާއި އިންޑިޔާއާއި ޗައިނާގެ އެހީތެރިކަމަށް އެދިފައެވެ.
ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވަނީ އިސްތިޢުފާދީފައެވެ. އަދި ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ ވެރިކަންކުރާ އިއްތިޙާދަށް ނިޞްބަތްވާ 41 މެންބަރުންވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުގެއްލޭކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
2019ވަނަ އަހަރުގެ ތެރޭގައި ސުރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ގޮތަބަޔާ ކާމިޔާބުކުރައްވާފައިވަނީ ބޮޑު އަޣްލަބިއްޔަތަކުންނެވެ. އަދި އޭގެ އަހަރެއްފަހުން ބޭއްވި ޢާއްމު އިންތިޚާބުގައި ސަރުކާރަށް ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ލިބުނެވެ. އެއާއެކު ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަށް ބޮޑުވަޒީރުކަން ދެއްވައި ރައީސަށް ލިބިގެންވާ ބާރުތައް ގޮތަބަޔާ އިތުރުކުރެއްވިއެވެ. އެ ޤައުމުގައި ޢާއްމު އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025ވަނަ އަހަރުގެ ތެރޭގައެވެ،