އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު އީގަލްސްއިން ލީގަށް ވާދަކުރުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ސަސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އީގަލްސްގެ ފަހަތުން އަޙްމަދު ނޫމާން (ހެލްމެޓް) ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގް ހަސަން (އިއްބެ) އެވެ. މިއީ އަޙްމަދު އައިހަމް (ފަތޯ) ގެ އެހީތެރިކަމާއެކު އިއްބެ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު އީގަލްސްއިން ކުރިއަށް ޖެހި ސަސްގެ ހާފަށް ނުރައްކާކުރިއިރު، ފުރަތަމަ ހާފުގައި އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން އީގަލްސްގެ އިތުބާރު ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ) އާއި އެންހެލް ކަރަސްކޯސާ މުނޯޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސަސްގެ އަލީ ނަސޫޙް ރަޝީދު (ޕިލާ) އަށް ވަނީ ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުޅިން ހުހަށްހުރެ ޕިލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފެވެ.
އޭގެ ފަހުން މެޗުގެ 52 ވަނަ މިނެޓުގައި އީގަލްސްއަށް ވަނީ ނަތީޖާ ހަމަހަމަކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އީގަލްސްގެ ބްރެޒިލް ފޯވާޑް ބްރޫނޯ ވިނީޝިއުސް ފޮނުވާލި ޕެނަލްޓީ ސަސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ ހަންނައަށް ސަސް ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި އީގަލްސްއިން ނަތީޖާ އެއްވަރުކުރީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެލްމެޓެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހަންނަ ވަނީ ލަނޑެއް ޖަހައި، މި މެޗުން އީގަލްސް މޮޅުކޮށްދީފައެވެ.
މި ނަތީޖާއާއެކު އީގަލްސްއިން އުއްމީދު ދެމެހެއްޓިއިރު، ލީގުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ޓީމަށް ކުޅުނު 18 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓާއެކުއެވެ. އެކަމަކު ލީގުގައި ދެން މާޒިޔާ ކުޅޭ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން މޮޅުވެއްޖެނަމަ، ބާކީ ދެ މެޗު އޮއްވައި މާޒިޔާއަށް ޖެހިޖެހިގެން ތިންވަަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.
މީގެ އިތުރުން ސަސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 18 މެޗުން 14 ޕޮއިންޓާއެކުއެވެ.