ކުޅިވަރު

ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރުވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ގްރީނުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އަންޞަރު އިބްރާހިމް (އަންކޮ) ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުޙައްމަދު ސާއިފެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ގްރީނުން ވަނީ ލީޑު ފުޅާކޮށްފައެވެ. ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ ނަަގައިިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަންކޮއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން ޔޫވީއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މި ހާފުގައި އެ ޓީމުގެ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ފޮނުވާލި ދެ ބޯޅައެއް ގްރީނުގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. އޭރިއާބޭރުން ފޮނުވާލި ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާނެވެ. މިއީ އޭރިއާ ކުޑަ ތަންކޮޅެއް ބޭރުން ޔޫވީގެ މުޙައްމަދު ރީހާނަށް ކުރި ފައުލަަކަށް ދިން ޖެހުމެކެވެ. އޭގެ ފަހުން މި މެޗުގައި ނަތީޖާ ހަމަހަމަކުރަން ޔޫވީން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ގްރީނުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ޔޫވީ ހިފަހައްޓުވާފައެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޔޫވީ ޖެހިލީ ކުޅުނު މެޗުން ލިބުނު 26 ޕޮއިންޓާ އެކުއެވެ. އެ ޓީމާ އެއްވަރަށް ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށްވެސް ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަވަނައިގައި އޮތް ޔޫވީއަށް ވަނީ 18 މެޗުން 23 ޕޮއިންޓް ލިބިފައެވެ.