ކުޅިވަރު

އަޔަކްސްގެ ޑިފެންޑަރު ލިސަންޑްރޯ ޔުނައިޓެޑަށް


އަޔަކްސްއަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ލިސަންޑްރޯ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވަނީ، އެ ޓީމާ ވާދަވެރި އާސެނަލުންވެސް އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

ލިސަންޑްރޯ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުގެ ކޯޗު އެރިިކް ޓެން ހާގް އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިޔާއެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު މީގެ ކުރިން ވަނީ ޓެން ހާގުގެ އިރުޝާދުގެ ދަށުން އަޔަކްސްގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަޔަކްސްއިން ލިސަންޑްރޯ ވިއްކާލީ 49 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި ޔުނައިޓެޑުން މި ހަފުތާގެ ތެރޭގައި ލިސަންޑްރޯގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމައި، ރަސްމީކޮށް އޭނާ ތައާރަފުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިސަންޑްރޯއަކީ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އެ ޓީމާ ހަވާލުވި ފަހުން އެ ކުލަބާ ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމާ ގުޅުނީ ފެޔަނޫޑަށް ކުޅެމުންދިޔަ ނެދަލަންޑްސްގެ ޒުވާން ޑިފެންޑަރު ޓައިރަލް މަލާސިއާ އާއި ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ.