ކުޅިވަރު

ބަޔާނުން ކޭން ހޯދުމަށް މަސައްކަތްކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން ބަޔާނުން ވަނީ 42.5 މިލިޔަން ޕައުންޑުގެ ފީއަކަށް އެ ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ބާސެލޯނާއަށް ވިއްކާލާފައެވެ.

ބަޔާނުގެ ޗީފް އެގްޒެކުޓިވް އޮލިވާ ޚާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ ލެވަންޑޯސްކީ ނެތްތަން ފޫބެއްދުމަށް އެ ފެންވަރުގެ އިތުރު ކުޅުންތެރިއެއް ހޯދުން މުހިންމު ކަމަށެވެ. އަދި މި ވަގުތަށް ބަލާކަމުގައި ވަނީނަމަ ލެވަންޑޯސްކީ ނެތްތަން ފޫބެއްދުމަށް އެންމެ ރަނގަޅީ ކޭން ކަމަށް އޮލިވާ ޚާން ވަނީ ވިދާޅުވެފައެވެ.

ކޭން ވަނީ މިދިޔަ ސީޒަން ފެށުނުއިރު، ޓޮޓްނަމް ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެފައެވެ. އެކަމަކު ޓޮޓްނަމުން ކޭން ވިއްކާލަން އެއްބަސްނުވުމާއެކު، މިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ޓީމުގައި މަޑުކޮށްފައެވެ. އަދި ޓޮޓްނަމުން ވަނީ ކޭން އަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށް ތަކުރާރުކޮށް މީގެ ކުރިން ބުނެފައެވެ.

ކޭން އަށް މިހާތަނަށް ޓޮޓްނަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 279 މެޗުގައި 183 ލަނޑު ކާމިޔާބުކޮށްދީފައެވެ.