އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޔޫކްރެއިނުގެ އޮލެކްސެންޑާ ޒިންޗެންކޯ އާސެނަލަށް ބަދަލުވުމާ ގުޅޭގޮތުން ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން ވަނީ 30 މިލިއަން ޕައުންޑްގެ އަގަކަށް ޒިންޗެންކޯ ގެންދިއުމާއި ގުޅޭގޮތުން ސިޓީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
މީގެއިތުރުން އިތުރު ބައިތަކުގެ ގޮތުގައި މިއަށް އިތުރު ދެ މިލިއަން ޕައުންދް އިތުރު ކުރެވޭގޮތަށްވެސް ވަނީ އެއްބަސްވެފައެވެ. ޒިންޗެންކޯ މިވަގުތު އަންނަނީ ސިޓީ އާއެކު އެމެރިކާގައި ޕްރީ ސީޒަން ޓުއާ ފުރިހަމަ ކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޒިންޗެންކޯ އުނބުރި އިންގްލަންޑަށް ދާނެކަމަށް ބެލެވެއެވެ.
ޒިންޗެންކޯއަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ސިޓީ އާއި 2016 ވަނަ އަހަރު ގުޅުމަށްފަހު އެންމެ ފުރަތަމަ އެކްލަބަށް ގެނައި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. މިމުއްދަތުގެ ތެރޭގައި ޒިންޗެންކޯވަނީ 128 މެޗު އެކްލަބަށް ކުޅެދީ ސިޓީ އާއެކު ހަތަރު ލީގު ތަށި ހޯދާ އެފްއޭ ކަޕްގެ ކާމިޔާބުކޮށް ލީގު ކަޕްގެ ތަށިވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
ޒިންޗެންކޯ ވެގެންދާނީ ސިޓީ ދޫކޮށް އާސެނަލް އަށް މިފަހަރު ބަދަލުވި ދެވަނަ ކުޅުންތެރިޔާއެވެ. މިމަހުގެ ކުރީކޮޅު އާސެނަލްއިންވަނީ ސިޓީގެ ފޯވަޑް ގެބްރިއެލް ޖޭސުސްވެސް އެކްލަބަށް ގެންގޮސްފައެވެ.