ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމު އިންޑިއާއަށް


އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޒުވާން ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާގެ ބުނަނޭޝްވަރަށް ހިނގައްޖެއެވެ.

މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ.

މި މުބާރާތުގައި ވާދަކުރުމަށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޒުވާން ޓީމު ވަނީ އިންޑިއާއަށް ގޮސްފައެވެ. މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހު 29 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާއިރު، އޭގެ ދެ ދުވަސް ފަހުން މި މަހު 31 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އޯގަސްޓް މަހު ދެވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދުދޭނީ ގައުމީ ސީނިއާ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ޝާކިއްޓެއާ އެކު ކޯޗިން ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު (ކަކާ) އަދި އަޙްމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު އަބީރެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑު އެކުލަވާލާފައިވަނީ މި އަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފާހަަގަވި ކުޅުންތެރިންނާއި، މި ފަހަރުގެ ސީޒަނުގައި ގަވާއިދުން ޓީމުތަކަށް ކުޅުނު ކުޅުންތެރިން ހިމަނައިގެންނެވެ. މުބާރާތަށް ތައްޔާރުވުުމުގެ ގޮތުން މި ޓީމުން ވަނީ މާފަންނު ޓާފް ދަނޑުގައި އެކި ޓީމުތަކާ ދެކޮޅަށް ތަމްރީނު މެޗުތައް ކުޅެފައެވެ.